ސީއެންއެންގެ މަޝްހޫރު ހޯސްޓް އަދި ޕްރެޒެންޓަރު ރިޗާޑް ކުއެސްޓުގެ "ވޯލްޑް އޮފް ވޮންޑާސް" ޕްރޮގްރާމް ރާއްޖޭގައި ނަގައިފި އެވެ.

ރިޗާޑް ކުއެސްޓުގެ މި ޕްރޮގްރާމު ރެކޯޑުކުރުމަށް ރާއްޖޭގައި ހަރަކާތްތެރިވެފައިވަނީ މިދިޔަ މަހުގެ ފަހުކޮޅުގައެވެ. ރިޗާޑް ކުއެސްޓް ރާއްޖެ އައިސް ޕްރޮގްރާމެއް ނަގާފައި މިވަނީ މިދިޔަ އަހަރު ނޮވެމްބަރު މަހު ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ސީއެންއެން އިންޓަވިއުއެއްގައި ރާއްޖެ އައުމަށް އޭނާ އަށް ދައުވަތު ދެއްވާފައިވަނިކޮށެވެ.

އެނާގެ ވޯލްޑް އޮފް ވޮންޑާސްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ފަތުރުވެރިންނާއި ގުޅޭ ތަފާތު ސަރަހައްދުތަކަށް ޒިޔާރަތްކޮށް އެތަނުގައި ދިރިއުޅޭ ފަރާތްތަކާއި އެކު ވަގުތު ހޭދަކޮށް ސަގާފަތާއި ތަނުގެ މަޢުލޫމާތު ބެލުންތެރިންނަށް ގެނެސްދޭ ޕްރޮގްރާމެކެވެ. ރާއްޖޭގައި އޭނާ ނަގާފައިވާ ޕްރޮގްރާމުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދައިރާގެ ގިނަދުވަސްވީ ފަރާތެއްކަމަށްވާ އަދި މަޓީގެ ރައީސް މުހައްމަދު އުމަރު މަނިކު އާއި ބައްދަލު ކުރައްވާފައެވެ.

އެ ޕްރޮގްރާމުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާ ވެސް ވަނީ ބައްދަލު ކުރައްވާފައެވެ. މައިގަނޑު ގޮތެއްގައި ދިވެހި ރާއްޖޭގެ ގާދުރަތީ ވެއްޓާއި ގުޅޭ ގޮތުން މި ބައްދަލުވުމުގައި ވަނީ ވާހަކަ ދެކެވިފައެވެ.

މީގެ އިތުރުން ރާއްޖޭގެ މަޝްހޫރު ޑައިވަރު ހުސެއިން ރަޝީދު އާއިއެކު ސްނޯކްލިންއަށް ގޮސް ރާއްޖޭގެ ފަރުތަކާއި ދިރުންތައް ކުއެސްޓް ވަނީ ތަޖުރިބާ ކޮށްފައެވެ.

ސީއެންއެންގެ މަޝްހޫރު ޕްރެޒެންޓަރ ރިޗާޑް ކުއެސްޓްއަކީ ވިޔަފާރި އަދި ފަތުރުވެރިކަމުގެ ދައިރާގައި ދުނިޔޭގެ މަޝްހޫރު ޕްރެޒެންޓަރެކެވެ.