ބޭންކް އޮފް މޯލްޑިވްސް އިން މުޅި ރާއްޖޭގައި މާލީ ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ހިންގުމަށް، ޑިޖިޓަލް ޕޭމަންޓް ހައްލުތައް ފޯރުކޮށްދިނުމުގައި ދުނިޔޭގެ އެންމެ އިސް ދަފުގައި ހިމެނޭ ވިސާއާއެކު ސްޓްރެޓީޖިކް ޕާޓްނާޝިޕެއް ގާއިމުކޮށްފި އެވެ.
މި ޕްރޮގްރާމުގެ ދަށުން ޒުވާނުންނާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ތައުލީމީ އިދާރާތަކާއި އެކިއެކި މުޖުތަމައުތަކުގައި މާލީ ހޭލުންތެރިކަން އިތުރުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރެވިގެންދާނެ އެވެ.
މި އެއްބަސްވުމުގެ ދަށުން، ބީއެމްއެލްއާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން، ވިސާގެ ފައިނޭންޝަލް ލިޓްރަސީ ޕްރޮގްރާމްގެ 'ޕްރެކްޓިކަލް މަނީ ސްކިލްސް' އަދި 'ޕްރެކްޓިކަލް ބިޒްނަސް ސްކިލްސް' ސެޝަންތައް ރާއްޖޭގައި ހިންގާނެއެވެ. މި ސެޝަންތަކުގައި ބަޖެޓްކުރުމާއި ފަހަށް ރައްކާކުރުމާއި ދަރަނި ހެޔޮގޮތުގައި މެނޭޖްކުރާނެ ގޮތާއި ރަނގަޅުގޮތުގައި ބޭނުންކުރާނެ ގޮތްތައް ކިޔައިދެވޭނެ އެވެ.
މީގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހިންގާ ފަރާތްތަކަށް ފައިސާ މެނޭޖްކުރާނެ ގޮތުގެ އިރުޝާދުތަކާއި ކޭޝް ފްލޯ މެނޭޖްކުރާނެ ގޮތާއި، އަގު ކަނޑައެޅުމާއި، ޑިޖިޓަލް ޕޭމަންޓް އަދި ކަސްޓަމަރުން އިތުރުކުރާނެ ގޮތްތަކާއި ވިޔަފާރީގެ އުކުޅުތައްވެސް ކިޔައިދެވޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ބޭންކުގެ ސީއީއޯ އެންޑް މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، މި މުހިންމު މަސައްކަތް ވިސާއާއި އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން ކުރެވޭކަމީ އެ ބޭންކަށް ލިބޭ ފަޚުރެއް ކަމަށެވެ.
"ޒުވާނުންގެ މެދުގައި މާލީ ހޭލުންތެރިކަން އިތުރުކުރުމަކީ ބޭންކުން ވަރަށް ބޮޑު އަހުމިއްޔަތުކަމެއް ދޭ ކަމެއް. މި ޕްރޮގްރާމަކީ އަންނަން އޮތް ޖީލުތަކަށް މާލީ ކަންކަމުގައި ހޭލުންތެރިކަމާއެކު ގޮތް ނިންމުމުގައި އެހީތެރި ވުމަށް ބޭންކުން ދޭ އިސްކަން ހާމަކޮށްދޭ ޕްރޮގްރާމެއް. ދަރިވަރުންނަށް ހަރުދަނާ މާލީ ބިންގާއެއް އެޅުމަށް އެހީތެރިވެރިވެދިނުމަކީ މި ގައުމުގެ އިގްތިސާދު ހަރުދަނާކުރުމަށް ދިގުމުއްތަކަށް އެޅޭ މުހިންމު ފިޔަވަޅެއް." ޝަރީފް ވިދާޅުވި އެވެ.
ވިސާއިން ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ މެނޭޖަރ އަވަންތި ކޮލަމްބަގެ ވިދާޅުވީ، މާލީ ހޭލުންތެރިކަމަކީ ހަރުދަނާ އިގްތިސާދުގެ ކުރިއެރުމެއް އެޅޭ މުހިންމު ބިންގަލެއް ކަމަށެވެ.
"ވިސާގެ 'ޕްރެކްޓިކަލް މަނީ ސްކިލްސް އަދި ޕްރެކްޓިކަލް ބިޒްނަސް ސްކިލްސް' ޕްރޮގްރާމް، އަޅުގަނޑުމެންގެ މުހިންމު ޕާޓްނަރއެއް ކަމަށްވާ ބޭންކް އޮފް މޯލްޑިވްސްއާއެކު ރާއްޖެއަށް ތައާރަފްކުރުމާއެކު، އާންމު ފަރުދުންނާއި ކުދި ވިޔަފާރިތައް ބާރުވެރިކުރުވައި، ދެމެހެއްޓެނިވި އަދި މާލީ ގޮތުން އެންމެ އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް ގާބިލު ޑިޖިޓަލް މުޖުތަމައެއް ބިނާކުރުމަށް އެހީތެރިވެދޭނެ. މި މަސައްކަތަކީ ރާއްޖެއަށް ޑިޖިޓަލް ބޮޑު އިންގިލާބެއް ގެނުވައި ފަތުރުވެރިކަމުގެ އިތުރުން އެހެނިހެން ސިނާއަތްތަކާއެކު ރަނގަޅު އިގްތިސާދެއް ބިނާކުރުމަށް ރާއްޖޭގެ ދިގު ރާސްތާ ޕްލޭނަށް އެހީތެރިވުމަށް އަޅުގަނޑުމެންދޭ އަހުމިއްޔަތުކަން ހާމަވާ ކަމެއް." އޭނާ ވިދާޅުވި އެވެ.
މި ޕްރޮގްރާމް އިފްތިތާހުކޮށް، އެއްބަސްވުމުގައި ސޮއިކުރެއްވީ ވިސާއިން ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ މެނޭޖަރ އަވަންތި ކޮލަމްބަގެ އާއި ބޭންކުގެ ސީއީއޯ އެންޑް މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފްއެވެ. މި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު އިސްމާއީލް ޝަފީއު ބައިވެރިވެވަޑައިގެންނެވި އެވެ.
ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ހައިސިއްޔަތުން ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ އެކި އުމުރުފުރާތަކުގެ މެދުގައި މާލީ ހޭލުންތެރިކަން އިތުރުކުރުމަށް އެކި ޕްރޮގްރާމްތައް ދަނީ ހިންގަމުންނެވެ. ވޭތުވެދިޔަ އެއް އަހަރު ތެރޭގައި ބޭންކުން ވަނީ ސްކޫލުތަކާއި އެކި މުޖުތަމައުތަކުގައި މާލީ ހޭލުންތެރިކަން އިތުރުކުރުމަށް 200 އަށް ވުރެ ގިނަ ސެޝަންތައް ހިންގާފަ އެވެ.
ވިސާ ފައިނޭންޝަލް ލިޓްރަސީ ޕްރޮގްރާމާ ގުޅޭ އިތުރު މި ލިންކުން ލިބޭނެއެވެ.

