ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މާލީ އެހީތެރިކަން ފޯރުކޮށްދޭ ސްޕޯޓްސް ސްކޮލާޝިޕް ދިނުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. މިއީ 2023 ވަނަ އަހަރު ދޭން ފެށި ސްޕޯޓްސް ސްކޮލާޝިޕް ވިދިވިދިގެން ދޭ ތިންވަނަ އަހަރެވެ.
މި ސްކޮލާޝިޕް ޕްރޮގްރާމްގެ އަމާޒަކީ އެތުލީޓުންގެ ހުނަރު ކުރިއަރުވައި ކުޅިވަރުގައި ފުރިހަމަ ކާމިޔާބެއް ހޯދުމުގައި އެހީތެރިވުމެވެ. މި ސްކޮލާޝިޕަށް އެތުލީޓުން ހޮވުމުގެ އެންމެހާ ކަންކަން ބަލަހައްޓާނީ އެމްއޯސީއިންނެވެ. އަދި ނޮމިނޭޝަންތައް ހުޅުވާނީ އެމްއޯސީގެ މެންބަރު އެސޯސިއޭޝަންތަކަށެވެ. ބޭންކުން ހުރިހާ ހަރަދެއް ފޯރުކޮށްދޭ މި ސްކޮލާޝިޕަށް ހޮވޭ އެތުލީޓުންނަށް ހައިޕާފޯމަންސް ޓްރެއިނިންގ ސެންޓަރުތަކުގައި ތަމްރީނުވުމުގެ ފުރުސަތު ލިބޭނެ އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ބީއެމްއެލް ސްޕޯޓްސް ސްކޮލާޝިޕަކީ ރާއްޖޭގެ އެތުލީޓުންގެ ހުނަރު ތަރައްގީކޮށް ކުރިއެރުވުމަށް ބޭންކުން ދޭ އަހުމިއްޔަތުކަމުގެ ރަމްޒެއް ކަމަށެވެ.
"މި ސްކޮލާޝިޕް ދިނުމަށް އެމްއޯސީއާއެކު އެއްބަސްވުމުން، ރާއްޖޭގެ އެންމެ ރަނގަޅު އަދި އުންމީދީ ހުނަރު ކުރިއެރުވުމަށް މި ސްކޮލަރޝިޕް މެދުވެރިކޮށް މަގުފަހިވާނެ ކަމަށް އަޅުގަނޑުމެން އުއްމީދުކުރަން. ދިވެހި އެތުލީޓުންނަށް މިއަދު މި ކުރެވޭ އިންވެސްޓްމެންޓަކީ ރާއްޖޭގެ ކުޅިވަރުގެ ކުރިމަގު ހަރުދަނާކޮށް، ބައިނަލްއަގުވާމީ ކާމިޔާބީއަށް ވާސިލުވުމަށް ހުޅުވޭ ދޮރެއް."
އެމްއޯސީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު ވިދާޅުވީ، ސްޕޯޓްސް ސްކޮލާޝިޕް ދިނުމަށް ތިންވަނަ އަހަރަކަށް ބީއެމްއެލްއާއެކު އެއްބަސްވެވޭކަމީ ލިބޭ އުފަލެއް ކަމަށެވެ.
"މި އިދާރާއާއި ބޭންކުން ގުޅިގެން ހިންގާ މި އިންވެސްޓްމެންޓުން އެތުލީޓުންގެ ހުނަރު ތަރައްގީކޮށް އާ ފުރުސަތުތައް ހޯދައިދީ، ރާއްޖޭގެ ކުޅިވަރުގެ ކުރިމަގުގައި ކާމިޔާބީ ހޯދުމަށް އެހީތެރިވެދޭނެ."
ބީއެމްއެލް ސްޕޯޓްސް ސްކޮލާޝިޕް ދޭން ފެށިފަހުން މިހާތަނަށް 8 އެތުލީޓެއްގެ ޓްރެއިނިން ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދީފައި ވެ އެވެ.
ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ގިނަގުނަ މަސައްކަތަކެއް ކުރަމުން އަންނަ ބެންކެކެވެ. އެގޮތުން ސްވިމިންގ، ޓެނިސް، ބާސްކެޓްބޯޅަ އަދި ސަރފިންގ އެސޯސިއޭސިއޭޝަންތަކާއެކު ގާއިމްކޮށްފައިވާ އެކި ޕާޓްނަރޝިޕްތަކުގެ ދަށުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

