އެންމެ ބޮޑު އަމާޒަކީ 2027 ވަނަ އަހަރު ޓޫރިޒަމް ދާއިރާއިން ލިބޭ އާމްދަނީ ހަ ބިލިއަން ޑޮލަރަށް އެރުވުން ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ތޯރިގް ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، އަންދާޒާކުރި ވަރަށްވުރެ އިތުރަށް ޓޫރިޒަމްގެ ދާއިރާއިން މި އަހަރު އާމްދަނީ ލިބޭނެ ކަމަށެވެ. މި އަހަރަށް އަންދާޒާކުރީ 5.5 ބިލިއަން ޑޮލަރުގެ އާމްދަނީ ޓޫރިޒަމްގެ ދާއިރާއިން ލިބޭނެ ކަމަށެވެ. ނަމަވެސް މިނިސްޓަރު ވިދާޅުވިގޮތުގައި މިހާރުގެ ބެލެވެނީ 5.6 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށެވެ.

މިދިޔަ އަހަރު ޓޫރިޒަމް ދާއިރާއިން ލިބުނީ 4.8 ބިލިއަން ޑޮލަރުގެ އާމްދަނީއެކެވެ.

މިނިސްޓަރު ވިދާޅުވީ މިއަހަރު ނިމޭއިރު އަންނާނެ ކަމަށް މިހާރު ލަފާކުރަނީ 2.2 މިލިއަން ޓޫރިސްޓުން ކަމަށެވެ. އަހަރު ފެށުނުއިރު ލަފާކުރީ 2.3 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އައި 2.1 މިލިއަން ޓޫރިސްޓުންނަކީ މިދިޔަ އަހަރަށް ވުރެ 10 ޕަސެންޓުގެ އިތުރު އަދަދެކެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޓޫރިސްޓުން ރާއްޖެއަށް އެންމެ ގިނައިން އަންނަނީ ޗައިނާ އާއި ރަޝިއާ އަދި އިނގިރޭސިވިލާތުންނެވެ.

ފަތުރުވެރިކަމަށް އާ ރަށްތަކާއި ފަޅުތައް ކުއްޔަށް ދިނުމަށް މި ސަރުކާރުން ވެސް އިއުލާންކޮށްފައިވެ އެވެ. އެ އިއުލާނުގެ މުއްދަތު ހަމަވެފައިވާއިރު، ސަރުކާރުން އަންނަނީ އެކި ފަރާތްތަކާ އެ މަސައްކަތްތައް ހަވާލުކުރަމުންނެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކުންފުނިން ވެސް އަންނަނީ ރާއްޖޭގައި ރިސޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންނެވެ.