އަހަރެންގެ ބޭންކު ކޮމިއުނިޓީ ފަންޑުގެ ދަށުން، ގދ. ހޯނޑެއްދޫގައި ނޭޗާ ޕާކެއް ތަރައްގީކޮށްފި އެވެ.
ހޯނޑެއްދޫގެ އިރު އުތުރު ޗަސްބިން ސަރަހައްދުގައި ދިގެމައްކޮޑަގެ ނަމުން ނަންދެވިފައިވާ މި ނޭޗާ ޕާކް ވަނީ މިއަދު ހުޅުވާފަ އެވެ.
މި ޕްރޮޖެކްޓް ހިންގާފައި ވަނީ ހޯނޑެއްދޫ ސްޕޯޓްސް އިންނެވެ. މިއީ މި ސަރަހައްދުގެ ގުދުރަތީ ރީތިކަން ޢާއްމުންނަށް ފަސޭހައިން ބަލާލައި ހިތްހަމަޖައްސާލާނެ މާހައުލެއް ގާއިމްކޮށްދިނުމުގެ އިތުރުން މިފަދަ ގުދުރަތީ ރީތިކަން އަންނަން އޮތް ޖީލުތަކާ ހަމަޔަށް ރައްކާތެރިކުރުމުގެ މުހިންމުކަމާ ގުޅޭ ގޮތުން އާންމުން ހޭލުންތެރިކުރުވުމުގެ މަގްސަދުގައި ހިންގި ޕްރޮޖެކްޓެއް ކަމަށް ބޭންކް އޮފް މޯލްޑިވްސް ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ.
އެ ބޭންކުން ބުނިގޮތުގައި މި ޕްރޮޖެކްޓްގެ ދަށުން ވަނީ މި ސަރަހައްދުގައި 85 ފޫޓުގެ ދިގު ވޯކްވޭއެއްގެ އިތުރުން ވިއުވިން ޕްލެޓްފޯމެއް ވެސް ހަދައިފަ އެވެ. މީގެ އިތުރުން މި ސަރަހައްދުގައި ބެންޗް ބަހައްޓައި، ބާބަކިއު ހެދޭނެ އިންތިޒާމް ވެސް ހަމަޖައްސާފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
އެ ސަރަހައްދުގައި ވަނީ މަސްކަނޑަން ހާއްސަ ތަނެއް ހަދައި، މި ސަރަހައްދަށް ޖަމާވާ ކުނި ނައްތާލުމަށް ޑަސްބިން ބަހައްޓާފަ އެވެ. އަދި ވަކިން ހާއްސަކޮށް މި ސަރަހައްދުވަނީ އިތުރަށް ފެހި ވެސްކޮށްފަ އެވެ.
ކޮމިއުނޓީ ފަންޑުގެ ދަށުން މި ޕްރޮޕޯސަލް ކާމިޔާބުކުރި މަހްދޫން އާދަމް ވިދާޅުވީ މި ޕްރޮޖެކްޓް ހިންގުމުގައި އެ މީހުން އެންމެ އިސްކަމެއްދިނީ އެ ސަރަހައްދުގެ ގުދުރަތީ ރީތި ކަމަށް ބަދަލު ނާންނާނެހެން އަދި އެއްވެސް ގެއްލުމެއް ނުލިބޭނެހެން މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ކަމަށެވެ.
"މި ސަރަހައްދަކީ ހޯނޑެއްދޫގެ ރައްޔިތުންގެ އިތުރުން ކޯސްވޭއަކުން ގުޅާލެވިފައިވާ މަޑަވެލީގެ ރައްޔިތުންނަށްވެސް ބޭނުން ކުރެވޭނެހެން ތަރައްގީކޮށްފައިވާ ސަރަހައްދެއް. އަޅުގަނޑުމެންގެ އުއްމީދަކީ މި ތަނުގެ ފައިދާ ދެ ރަށުގެ ރައްޔިތުންނަށްވެސް ލިބިގެންދިޔުން. މި މަސައްކަތުގައި ބައިވެރިވި ހޯނޑެއްދޫގެ އެންމެހާ ރައްޔިތުންނަށް ޝުކުރު ދަންނަވަން،" އޭނާ ވިދާޅުވި އެވެ.
އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.