ވ. ތިނަދޫގައި ސްޓެލްކޯއިން އަލަށް އެޅުމަށް ހަމަޖެހިފައިވާ އިންޖީނުގޭގެ ބިންގާ މިއަދު އަޅައިފި އެވެ.
އެ އިންޖީނުގޭގެ ބިންގާ މިއަދު އަޅުއްވައިދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޢުނީ އެވެ.
ސްޓެލްކޯއިން ބުނީ ތިނަދޫގައި މިހާރު ކަރަންޓުގެ ހިދުމަތްދެމުން އަންނަ އިންޖީނުގެ އާންމުން ދިރިއުޅޭ ހިސާބެއްގައި ހުރުމުން ތިނަދޫގެ ރައްޔިތުންނަށް ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުން އަންނަ ކަމަށެވެ. އަދި އެ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ އެ އިންޖީނުގެ މީހުން ދިރިއުޅޭ ސަރަހައްދާއި ދުރުގައި އެޅުމަށް ސްޓެލްކޯއަށް ތިނަދޫއިން ބިމެއް ހަމަޖައްސާދެއްވާފައި ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެބިމުގައި އިމާރާތް ކުރުމަށް ނިންމާފައިވާ އިންޖީނުގޭގެ މަސައްކަތް ފެއްޓެވުމަށްޓަކައި ސްޓެލްކޯގެ އިސްވެރިން މިއަދު ތިނަދޫއަށް ވަޑައިގަތުމުން އެ ރަށުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.
ތިނަދޫ އައު އިންޖީނުގޭގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި، ތިނަދޫ އަކީ 2010 ވަނަ އަހަރު ރައްޔިތުންގެ އިންޖީނުގެތައް ސަރުކާރުން ހިންގަން ހަވާލުވާން ފެށުމާއެކު، ސްޓްލްކޯއިން ހަވާލުވި ފުރަތަމަ އިންޖީނުގެކަން ފާހަގަ ކުރައްވާ މެނޭޖިން ޑިރެކްޓަރު މުޢުނީ ވިދާޅުވީ، ސްޓޭލްކޯއިން އެރަށާއި ހަވާލުވި އިރު ހުރީ ވަރަށް ކުޑަ އެންމެ ޖަނަރޭޓަރެއް ކަމަށެވެ. އެހެން ނަމަވެސް އާޖަނަރޭޓަރުތައް ބަހައްޓައި ރައްޔިތުންގެ އެދުމާ އެއްގޮތަށް މެދު ނުކެނޑި ކަރަންޓުގެ ހިދުމަތް އެ ރަށަށް ސްޓެލްކޯއިން ފޯރުކޮށްދީފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ،
މުޢުނީ ވިދާޅުވީ ސްޓެލްކޯގެ ހިދުމަތް ގުޅިފައިވަނީ އާންމު ރައްޔިތުންނާއި ވިޔަފާރި ގުޅުވައިދޭ ވަރަށް މުހިންމު ނާރެހަކަށް ކަމަށާއި، ތިނަދޫގެ އާބާދީއާއި، ރަށުގެ އިގްތިސާދު އެކަމަށް ބިނާވާ ލޯކަލް ޓުއަރިޒަމްގެ މަސައްކަތުގައި ސްޓެލްކޯގެ ދައުރު ބޮޑުކަމަށެވެ.
"ރަށްރަށުގައި ދެމުންގެންދާ ހިދުމަތްތައް ފުރިހަމަ ކުރުމަށް ޒަމާނީ ފެންވަރުގެ އިންޖީނުގެތައް ބިނާކޮށް، ވޯލްޓޭޖް ޑްރޮޕް ހައްލު ކުރުމާއި، ރައްޔިތުންނަށް އިންޖީނުގެ ދުމާއި، އަޑުން ދިމާވާ ދަތިތައް ހައްލުކުރުމަށް އެތަކެއް މަސައްކަތެއް ސްޓެލްކޯއިން މިގެންދަނީ ކުރަމުން،" އޭނާ ވިދާޅުވި އެވެ.
މުޢުނީ ވިދާޅުވީ، އަލަށް އަޅާ އިންޖީނުގޭގެ މަސައްކަތް ނިމުމާއެކު، ސްޓެލްކޯއިން ތިނަދޫއަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު އެތައް ގުނައެއް ފުރިހަމަވެ، ރަނގަޅުވެގެންދާނެ ކަމަށާއި، ތިނަދޫގެ އިތުރުން ވެސް ސްޓެލްކޯއިން ހިދުމަތްދެމުންގެންދާ ރަށްރަށުގައި ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރަމުންގެންދަވާ ކަމަށެވެ.
ތިނަދޫގައި އަލަށް އަޅާ އިންޖީނުގެއަކީ އެރަށަށް ބޭނުންވާ ކަރަންޓުގެ ލޯޑް މަތިވަމުންދާ ވަރަކަށް އެކަމަށް ކޭޓާ ކުރުމަށްޓަކައި 1 މެގަވޮޓްގެ 4 އިންޖީނު ބެހެއްޓޭވަރަށް ތަރައްގީ ކުރެވޭނެ އިންޖީނުގެއެކެވެ. މި އިންޖީނުގޭގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ލަފާ ކުރެވެނީ އަންނަ އަހަރުގެ ކުރީކޮޅު ކަމަށް ސްޓެލްކޯއިން ބުންޏެވެ.