ބީއެމްއެލްގެ މާލީ ހާލަތު ރަނގަޅުވެ، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 357.3 މިލިއަން ރުފިޔާގެ ބޮޑު ފައިދާއެއް ހޯދައިފި އެވެ.
މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު ގާތްގަނޑަކަށް 23 ޕަސެންޓްގެ ކުރިއެރުމެކެވެ.
ކޯވިޑް-19 އާއި ގުޅިގެން ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ މާލީ ހާލަތު ވަނީ މިދިޔަ އަހަރު ވަރަށް ބޮޑަށް ދަށަށް ދިޔަ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ބޭންކުން މިއަދު އާއްމުކުރި މާލީ ހިސާބުތައް ދައްކާ ގޮތުން ފުރަތަމަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 819.2 މިލިއަން ރުފިޔަ ލިބިފައިވެ އެވެ. އޭގެ ތެރޭގައި އިންޓަރެސްޓުން އާމްދަނީގެ ގޮތުގައި ލިބުނު 494.3 މިލިއަން ރުފިޔާ ހިމެނެ އެވެ. މީގެ އިތުރުން ފީ އާއި ކޮމިޝަނުން އާމްދަނީގެ ގޮތުގައި 277.6 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
އެ ބޭންކުގެ މާލީ ހިސާބުތައް ދައްކާ ގޮތުން ޓެކްސްއަށް ކެނޑުމުގެ ކުރިން ޖުމްލަ ފައިދާގެ ގޮތުގައި 489.5 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ބީއެމްއެލް އިން ބުނީ އެ ނަތީޖާ ބޭންކަށް ހާސިލްކުރެވުނީ މިދިޔަ އަހަރު ކުރިމަތިވި ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ބޭންކުގެ މައިގަނޑު ވިޔަފާރިތަކަށް ކޮށްފައިވާ ނޭދެވޭ އަސަރާ ގުޅިގެން ލިބުނު ގެއްލުމުން އަރައިގަތުމުގައި ރަނގަޅު ކުރިއެރުމެއް ލިބިފައި ވާތީ ކަމަށެވެ.
އެ ބޭންކުން ބުނީ މިދިޔަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި ބޭންކަށް 537 މިލިއަން ލިބުނުއިރު، އެއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 25 ޕަސެންޓް އިތުރު އަދަދެކެވެ. މި ނަތީޖާ ހާސިލްވީ ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުން ވެސް ލިބުނު ކުރިއެރުމާ ގުޅިގެން ކަމަށް ބީއެމްއެލްއިން ބުންޏެވެ.
ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީ ވަނީ ގާނޫނުން ލާޒިމްކުރާ މިންވަރަށް މަތީގައި ހިފެހެއްޓިފައިކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
ބީއެމްއެލްގެ މާލީ ނަތީޖާ އާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން އެ ބޭންކަށް ލިބުނު ގެއްލުމުން މިހާރު އަރައިގަނެވެމުން އަންނަ ކަމަށެވެ. އަދި މި ނަތީޖާ އާ އެކު ވެސް މިހާރުގެ ހާލަތުން އަރައިގަތުމަށް އަހަރުގެ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މަސައްކަތްތައް ބައްޓަންކުރާނީ ވިސްނުންތެރިކަމާއި ރޭވުންތެރިކަމާ އެކުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"ވިޔަފާރީގެ މައިގަނޑު ދާއިރާތަކުން ލިބުނު ނަތީޖާއާ އެކު ކޯވިޑް-19 އާ ގުޅިގެން ލިބުނު ގެއްލުމުން އަރައިގަތުމުގައި ހާލަތު ރަނގަޅު ވަމުންދާކަމުގެ ނިޝާންތައް މިދަނީ ފެންނަމުން. މީގެ ތެރޭގައި ކާޑުން ލިބޭ އާމްދަނީވެސް ހިމެނޭ،" ޓިމް ވިދާޅުވި އެވެ. "ކަސްޓަމަރުންނާއި މުޖުތަމައަށް އެހީވުމަށް ކުރާ އިންވެސްޓްމަންޓާއި ބޭންކުގެ ވިއުގަ ފުޅާކުރުމަށް ކުރާ މަސައްކަތްތަކުގެ އިތުރުން އައު ޕްރޮޑަކްޓާއި ޚިދުމަތްތައް ފޯރުކޮށް ދިނުމަށް މަސައްކަތް ކުރަމުން ދާނަން."
މިކުއާޓަރގައި ބީއެމްއެލްގެ ވިއުގަ ފުޅާކުރުމަށާއި މުޖުތަމައަށް އެހީތެރިވުމަށް މަސައްކަތްތައްވަނީ ކުރިއަށް ގެންގޮސްފަ އެވެ. މިގޮތުން ބީއެމްއެލް އިން ވަނީ ކ. ގުރައިދޫ އާއި މ. މުލީގައި އަލަށް ސެލްފް ސާވިސް ބޭންކިންގެ ޚިދުމަތް ފަށާފަ އެވެ. އެ ކުއާޓަރުގައި މުޖުތަމައަށް ފޯރުކޮށްދޭ އެހީގެ ދަށުން ބީއެމްއެލް އިން ވަނީ މާލީ ގޮތުން އެހީތެރިވުމަށް ފަސް ކޮމިއުނިޓީ ފަންޑު ޕްރޮޖެކްޓެއް ހޮވާފަ އެވެ.