މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ މާކެޓުތަކަށް ބުރޫ އަރައި، ރާއްޖޭގައި ވެސް ތެލުގެ އަގު ވަރަށް ބޮޑަށް އުފުލުމާ ގުޅިގެން އެކަން ހައްލުކުރުމަށް، ސަބްސިޑީގެ އިތުރަށް އެސްޓީއޯއަށް ލިބޭނެކަމަށް ލަފާކުރާ ފައިދާ ހަރަދުކޮށްގެން ތެލުގެ އަގު ހިފަހައްޓަން ސަރުކާރުން ނިންމައިފި އެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތައް ހައްލުކުރަން ފިޔަވަޅުތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ވަޒީރުންގެ ޚާއްސަ ކޮމިޓީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ރާއްޖޭގައި ތެލުގެ އަގު އުފުލުނު ނަމަވެސް، ހާލަތު ގޯހެއް ނުވާނެ ކަމަށެވެ.
"ދެން އަޅުގަނޑުމެން ވަރަށް ނަސީބު ރަނގަޅަށް މިފަހަރު ދިމާވީ. މިއަހަރު ފެށުނުއިރު އެސްޓީއޯއިން 24،500 މެޓްރިކް ޓަނުގެ އާ ބޯޓެއް އޮތީ ގަނެފަ. އެއާއެކު އަޅުގަނޑުމެންނަށް ބޭނުންވާ ތެޔޮ އަބަދުވެސް ޓްރާންސިޓްކޮށް އެބަ ލިބޭ. އަދި 22،000 މެޓްރިކް ޓަނުގެ ބޯޓެއް ވެސް އޮންނާނެ،" ޒަމީރު ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވީ ފަސް ވަރަކަށް ދުވަސްތެރޭ ތެޔޮ ބަރުކޮށްގެން އެސްޓީއޯގެ ބޯޓެއް މާލެ އަންނާނެ ކަމަށެވެ. އަދި މިރޭ އަނެއް ބޯޓު ތެޔޮ ބަރުކޮށްގެން ރާއްޖެ އައުމަށް ދަތުރުފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ތެލުގެ އަގު ކޮންޓްރޯލް ކުރުމަށް ސަބްސިޑީގެ އިތުރަށް އެސްޓީއޯއަށް ލިބޭނެކަމަށް ލަފާކުރާ ފައިދާ ހަރަދުކޮށްގެން ތެލުގެ އަގު ހިފަހައްޓަން މިހާރު ސަރުކާރުން ރާވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެގޮތުން މި ރޭވީ އެސްޓީއޯގެ ފައިދާގެ ތެރެއިން، މިސާލަކަށް ސަބްސިޑީ ސަރުކާރުން ދޭނެ. އޭގެ ތެރޭގައި އެސްޓީއޯގެ ފައިސާ އެންޓިސިޕޭޓްކުރާނެ. މިސާލަކަށް 1.5 ފައިދާގެ ގޮތުގައި ލިބޭނަމަ، އެ ފައިދާގެ ތެރެއިން ބައެއް ކްރޮސް ސަބްސިޑައިޒްކޮށް، އެބްޒޯބްކުރެވޭތޯ މިބަލަނީ،" ޒަމީރު ވިދާޅުވި އެވެ.
ސަރުކާރުން މިހާރު ވަނީ ރާއްޖެއަށް ތެޔޮ ސަޕްލައިކުރަން އިންޑިއާގެ އެހީތެރިކަމަށް އެދިފަ އެވެ.

