އެސްޓީއޯއިން އަމިއްލަ ވިޔަފާރިތަކަށް ޕެޓްރޯލާއި ޑީސަލް ވިއްކާ އަގު ވަރަށް ބޮޑުކޮށްފި އެވެ. ނަމަވެސް އެފްއެސްއެމް ޝެޑުތަކުން އާންމުންނަށް ވިއްކާ އަގަށް ވަގުތީ ގޮތުން ބަދަލެއް ގެނެސްފައި ނުވާ ކަމަށް އެސްޓީއޯއިން ބުނެ އެވެ.
ތެލުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން ބުނީ ތެޔޮ ގެންގޮސްދޭ ދުރުމިނަށް ބަލައި ސަރަހައްދުތަކުގެ އަގުތައް ތަފާތުވި ނަމަވެސް، ޖުމުލަ ގޮތެއްގައި ހުރިހާ ސަރަހައްދެއްގައި ވެސް އަގު ވަނީ ބޮޑުތަނުން މައްޗަށް ޖެހިފަ އެވެ. މާލެ ސަރަހައްދުގައި ޑީސަލް ލީޓަރެއް ކުރިން 16.52 ރުފިޔާއަށް ލިބުނުއިރު، މިހާރު އެ އަގު ވަނީ 27.22 ރުފިޔާއަށް އުފުލިފަ އެވެ. ހަމައެއާއެކު ޕެޓްރޯލް ލީޓަރެއް 15.00 ރުފިޔާއިން 26.14 ރުފިޔާއަށް ވަނީ ބޮޑުވެފަ އެވެ.
ރަށްރަށުގައި މި ބަދަލުގެ އަސަރު އެއަށްވުރެ ބޮޑެވެ. ބައެއް އަތޮޅުތަކަށް ޑެލިވަރީކުރާ ޕެޓްރޯލް ލީޓަރެއް 27.13 ރުފިޔާއަށް، ޑީސަލް ލީޓަރެއް 28.32 ރުފިޔާއަށް މިހާރު ވަނީ އަރާފަ އެވެ. އައްޑޫގައި މިވަގުތު ޕެޓްރޯލް ލީޓަރެއް ވިއްކަނީ 29.26ރ. އަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކަނީ 30.13ރ. އަށެވެ.
ވިޔަފާރިވެރިން ފާހަގަކުރާ ގޮތުގައި، މީގެ ސީދާ ނަތީޖާއަކީ އަތޮޅުތެރޭގެ މުދަލުގެ އަގު އިތުރަށް އުފުލި، ރައްޔިތުންގެ ޖީބަށް ބޮޑު ބުރައެއް އައުމެވެ.
ދުނިޔޭގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ބައިނަލްއަގުވާމީ ތެލުގެ ބާޒާރަށް ލޮޅުން އަރާފައިވާ މި ދަނޑިވަޅުގައި، ރާއްޖެއަށް ތެޔޮ ކަށަވަރުކުރުމަށް ސަރުކާރުން ވަނީ އިންޑިއާގެ އެހީތެރިކަމަށް އެދިފަ އެވެ.

