އާންމު ދަތުރުފަތުރާއި ޕަބްލިކް ފެރީގެ ހިދުމަތް ދޭ ފަރާތްތަކަށް ކުރިން ވެސް ކަނޑައަޅާފައިވާ އަގުތަކުގައި ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.
އަމިއްލަ ވިޔަފާރިތަކަށް އެސްޓީއޯ އިން ވިއްކާ ތެލުގެ އަގު އިއްޔެ ބޮޑުކުރި އެވެ. ނަމަވެސް އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވުމުން އެ ކުންފުނިން ވަނީ އެ ނިންމުން ބަދަލުކޮށްފަ އެވެ.
އެސްޓީއޯ އިން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ސަރުކާރުން މަސްވެރިންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ 'ފަހިހަކަތަ' ޕްރޮގްރާމްގެ ދަށުން، ސަބްސިޑީ ދީފައިވާ އަގުތަކެއްގައި ތެޔޮ ލިބޭނެ އިންތިޒާމު ކުރިއެކޭ ވެސް އެއްގޮތަށް މިހާރު ދެމިއޮންނާނެ ކަމަށެވެ.
"މާލެ ސަރަހައްދުގައި ހުންނަ އެފްއެސްއެމްގެ ފިއުލް ޝެޑްތަކުން ތެޔޮ ވިއްކާ އަގަށް ބަދަލެއް ގެނެސްފައެއް ނުވެ އެވެ. އަދި އަތޮޅުތެރޭގައި އެސްޓީއޯ އިން ތެޔޮ ގަނެގެން ޝެޑްތައް ހިންގާ ފަރާތްތަކަށް ވެސް ކުރީގެ އަގުތަކުގައި ތެޔޮ ލިބޭނެ ގޮތް ވަނީ ހަމަޖައްސާފަ އެވެ،" އެސްޓީއޯގެ ބަޔާނުގައިވެ އެވެ.
މިއީ އާންމު ރައްޔިތުންނަށް މާލީ ގޮތުން އިތުރު ތަކުލީފެއް ކުރިމަތިނުވާނެހެން ޕެޓްރޯލާއި ޑީސަލް ފޯރުކޮށްދިނުމަށް އެޅި ފިޔަވަޅުތަކެއް ކަމަށް އެސްޓީއޯ އިން ބުންޏެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި ޑީސަލުގެ އަގު އިންތިހާ އަށް ބޮޑުވަމުން ދާތީ އެސްޓީއޯ އިން އާންމުންނަށް ވިއްކާ ތެލުގެ އަގު މި މަހުގެ ކުރީކޮޅު ވަނީ ބޮޑުކޮށްފަ އެވެ.
އެ ބަދަލާއެކު މާލެ ސަރަހައްދުގައި ޕެޓްރޯލް ލީޓަރެއް ލިބެނީ 16.01ރ. އަށެވެ. އަދި ޑީސަލް ލީޓަރެއް ލިބެނީ 17.54ރ. އަށެވެ.

