ދިރާގު ކަސްޓަމަރުންނަށް ފިތުރު އީދުގެ މުނާސަބަތުގައި ސައުދީ އަރަބިއްޔާއަށް ހިލޭ ގުޅޭ ގޮތް ހަދައިދީފި އެވެ.

މިއީ، ދިރާގު ކަސްޓަމަރުންނަށް އެ ފަރާތްތަކުގެ އާއިލާއާއި އެހެނިހެން ގާތް ފަރާތްތަކާއި ގުޅުންބަދަހިކޮށް އީދުގެ އުފާ ހިއްސާކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ދިރާގުން ފޯރުކޮށްދީފައިވާ ހިދުމަތެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

ދިރާގުން ބުނިގޮތުގައި މި ދުވަސްވަރަކީ އުމްރާގެ އަޅުކަމަށް ގިނަ ފަރާތްތަކުން ސައުދީ އަރަބިއްޔާއަށް ދަތުރުކޮށްފައިވާ ދުވަސްވަރަކަށް ވާތީ، މި ހިދުމަތުގެ ދަށުން ސައުދީ އަރަބިއްޔާއަށް ހިލޭ ގުޅުމަށް ޖުމްލަ 30 މިނިޓު ލިބޭނެ އެވެ.

އެހެންކަމުން، #225* އަށް ޑައިލްކޮށްގެން މި ހިލޭ މިނިޓުތައް މިއަދުގެ ނިޔަލަށް އެކްޓިވޭޓް ކުރެވޭނެ ކަމަށް ދިރާގުން ބުނެ އެވެ. އަދި، އެކްޓިވޭޓް ކުރުމަށްފަހު 7 ދުވަހުގެ މުއްދަތައް ބޭނުން ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ދިރާގުން ދަނީ މި ފަދަ ހާއްސަ މުނާސަބަތުތަކާއި ގުޅުވައިގެން ކަސްޓަމަރުންގެ އާއިލާއާއި ލޯބިވާފަރާތްތަކާ ގުޅުން ބަދަހިކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން މި ފަދަ ހާއްސަ ހިދުމަތްތައް ފޯރުކޮށްދެމުންނެވެ.