ޖަރުމަނުގެ ކޮންޑޯއިން މިއަހަރުގެ ހޫނު މޫސުމުގައި ރާއްޖެއަށް ދަތުރުތައް އަލުން ފެށުމަށް ނިންމައިފި އެވެ.
ކޮންޑޯގެ 2026 ވަނަ އަހަރުގެ ލޯންގް-ހޯލް ޝެޑިއުލްގައިވާ ގޮތުން، ޖަރުމަނުގެ ފްރެންކްފާާޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ހަފުތާއަކު ހަތަރު ދުވަހު ދަތުރު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ދަތުރުތައް އޮންނާނީ ކޮންމެ ހަފުތާއެއްގެ ވެސް ހޯމަ، ބުދަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު އެވެ. އަދި މި އޮޕަރޭޝަންތައް ކުރިއަށް ދާނީ އަންނަ މެއި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮކްޓޫބަރު މަހުގެ ނިޔަލަށް ކަމަށް ވެސް އެ އެއާލައިނުން ބުނެ އެވެ.
ކޮންޑޯއިން ބުނީ މި ދަތުރުތައް އަލުން ފެށުމަށް ނިންމީ ޖަރުމަނުގެ ޓްރެވަލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންނާ ކުރި މަޝްވަރާތަކަށް ފަހު ކަމަށެވެ. އަދި ޖަރުމަނަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް މާކެޓަށް ވާއިރު، މި ފެށޭ ދަތުރުތަކުގެ ސަބަބުން އެ ގައުމުން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވާނެ ކަމަށް އުންމީދުކުރާ ކަމަށް އެ އެއާލައިނުން ފާހަގަކުރެ އެވެ.
ހޫނު މޫސުމުގައި ސީދާ ދަތުރުތައް ފެށުމަކީ ރާއްޖޭގެ ރިސޯޓްތަކާއި ގެސްޓްހައުސްތަކަށް ލިބޭނެ ބޮޑު ކުރިއެރުމެެއް ކަމަށް ކޮންޑޯއިން ސިފަކުރެ އެވެ. ހާއްސަކޮށް މި ދުވަސްވަރު ލިބޭ ހެޔޮ އަގުތަކާއި ޕެކޭޖްތަކުގެ ސަބަބުން ޓޫރިސްޓުންގެ ޝައުގުވެރިކަން މިހާރު ވެސް ވަނީ އިތުރުވެފައެވެ. ފްރެންކްފާޓަކީ ޔޫރަޕްގެ އެހެން ގައުމުތަކާ ވެސް ގުޅިފައިވާ ސިޓީއަކަށް ވުމުން، މުޅި ޔޫރަޕުން ރާއްޖެއަށް އަންނަ ޓޫރިސްޓުންނަށް މިކަމުގެ ސަބަބުން ލުއި ފަސޭހަވާނެ ކަމަށް ބެލެވެ އެވެ.

