ބޭންކް އޮފް މޯލްޑިވްސްގެ 43 ވަނަ އަހަރީ އާންމު ޖަލްސާ އަންނަ ހޮނިހިރު ދުވަހު ބާއްވާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.
މި ޖަލްސާ އޮންނާނީ ބާސެލޯ ނަސަންދުރާ މާލޭގެ ބޯލްރޫމްގަ ހޮނިހިރު ދުވަހުގެރޭ 9:00 ގައި ކަމަށް އެ ބޭންކުން ނެރުނު އިއުލާނުގައި ވެ އެވެ.
މި ޖަލްސާ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހިއްސާދާރުންނާއި ޕްރޮކްސީ ހޯލްޑަރުން ޖަލްސާއަށް ހާޟިރުވެގެންނާއި، އޮންލައިންކޮށް މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮޒިޓަރީ (އެމްއެސްޑީ) ގެ މީޓިންގ މެނޭޖްމެންޓް ސިސްޓަމް "ފަހިވޯޓް" މެދުވެރިކޮށެވެ.
މި ޖަލްސާގައި ބައިވެރިވުމަށް ޕްރޯ- ރަޖިސްޓަ ތިރީގައިވާ ލިންކުން ކުރެވޭނެ އެވެ.
މާޗް 14 ގައި ހުޅުވާފައިވާ ޕްރީ ރަޖިސްޓްރީވުމުގެ ފަހު ތާރީޚަކީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 9:00 އެވެ.
މީގެ އިތުރުން އެމްއެސްޑީގެ އޮންލައިން ސިސްޓަމް "އިންފިނިޓީ" https://infinity.mv މެދުވެރިކޮށް ވެސް ރަޖިސްޓަރީ ކުރެވޭނެ އެވެ.
ބީއެމްއެލް އިން ބުނިގޮތުގައި ބޭންކާއި ހިއްސާދާރުންގެ މެދުގައިވާ ގުޅުން ބަދަހިކޮށް، އިތުބާރު ދެމެހެއްޓުމަށްޓަކައި އަހަރީ އާންމު ޖަލްސާ ނުހަނު މުހިންމު ދައުރެއް އަދާކުރެ އެވެ. އަދި ބޯނަސް ހިއްސާ ދޫކުރުމަށާއި ހިއްސާ ބައި ކުރުމަށާއި މި ބޭންކުގެ އަސާސީ ގަވާއިދު އިސްލާހުކުރުމަށް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން މި އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް ނިންމާފައިވާތީ، މި ހުށަހެޅުންތައް ފާސްކުރެވެނީ ހިއްސާދާރުންގެ ޚާއްސަ ގަރާރަކުން ކަމަށްވާތީ ވެ، ވީހާ ވެސް ގިނަ ހިއްސާދާރުން މިއަހަރީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް އެ ބޭންކުން އެދެ އެވެ.
ބީއެމްއެލް އިން ވަނީ 2025 ވަނަ އަހަރު، ރެކޯޑު މާލީ ނަތީޖާއެއް ހާސިލްކޮށްފަ އެވެ. ވޭތުވެދިޔަ އަހަރު ބޭންކުން ހޯދާފައިވާ ނަތީޖާއަކީ މާލީ ގޮތުން ހޯދި ހަރުދަނާ ކުރިއެރުމާއި، ޚިދުމަތްތައް ފުޅާކުރުމަށް ކުރެވުނު މުހިންމު މަސައްކަތްތަކާއި ރާއްޖޭގެ ގައުމީ ބޭންކުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާތަކަށް ދީފައިވާ ހާއްސަ ސަމާލުކަން ހާމަކޮށްދޭ ނަތީޖާއެއް ކަމަށް ބީއެމްއެލް އިން ބުނެ އެވެ.
ވޭތުވެދިޔަ އަހަރު ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ބެންކަށް ލިބިފައިވެ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 9.8 ޕަސެންޓްގެ ކުރިއެރުމެކެވެ. ބޭންކުގެ ބެލެންސް ޝީޓަށް އައި ބޮޑު ކުރިއެރުމާއެކު، ބޭންކުގެ ޖުމްލަ އެސެޓް ވަނީ 55.8 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.
އަމިއްލަ ފަރުދުންގެ ބޭނުންތަކަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިއާއި ކޯޕަރޭޓް ކަސްޓަމަރުންގެ ވިޔަފާރިތަކާއި އިގްތިސާދުގެ މުހިންމު ސިނާއަތްތައް ފުޅާކޮށް ތަރައްގީކުރުމަށް، ލޯނާއި ފައިނޭންސިންގެ ގޮތުގައި ވޭތުވެދިޔަ އަހަރު ބޭންކުން ވަނީ އަލަށް 10 ބިލިއަން ރުފިޔާ ދޫކޮށްފަ އެވެ. މިއީ ބޭންކުގެ ތާރީޚުގައި ވެސް އެއް އަހަރު ތެރޭގައި އެންމެ ގިނަ އަދަދެއްގެ ލޯނު ދޫކުރި އަހަރެވެ.
މީގެ އިތުރުން، ވޭތުވެ ދިޔަ މާލީ އަހަރު 30,000 އަށް ވުރެ ގިނަ އާ ކަސްޓަމަރުން ބޭންކާ ގުޅި، އަދި ކަސްޓަމަރުންގެ ޑިޕޮސިޓް 2024 ވަނަ އަހަރަށް ވުރެ 16 ޕަސެންޓް އިތުރުވެފައިވެ އެވެ. މިއީ ބޭންކުގެ ޚިދުމަތްތަކަށް އޮތް އިތުބާރާއި ޚިދުމަތްތަކުގެ ފަސޭހަކަން ހާމަކޮށްދޭ ކަމެކެވެ.

