ބީއެމްއެލް އިން ހުޅުމާލޭގައި އަޅާ ފްލެޓުތަކުގެ ތެރެއިން 182 ފްލެޓްގެ ބިންގާ މިރޭ އަޅައިފި އެވެ.
ބީއެމްއެލްގެ ސަބްސިޑިއަރީ ކުންފުނި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގެ ދަށުން ހިންގާ އެ މަޝްރޫއުގައި 182 ފްލެޓު އަޅަން ހަވާލުކޮށްފައި ވަނީ އެފްޑަބްލިޔު ކޮންސްޓްރަކްޝަނާ އެވެ.
އެ ފްލެޓުތައް އިމާރާތް ކުރުމަށް ބިންގާ އެޅުމަށް ހުޅުމާލޭ 1 ގައި ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ މިއީ އިޖުތިމާއީ ތަރައްގީ އާއި ރައްކާތެރިކަން ކަށަވަރުކޮށްދީ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދިނުމަށް ހިންގާ މަޝްރޫއުއެއް ކަމަށެވެ.
ޝަރީފް ވިދާޅުވީ ގައުމީ ބޭންކެއްގެ އެންމެ މުހިންމު މަސްއޫލިއްޔަތަކީ މާލީ ފައިދާ ހޯދުން ނޫން ކަމަށެވެ. އޭގެ ބަދަލުގައި ގައުމުގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގިއަށް ބޭނުންވާ މުހިއްމު މަސައްކަތްތަކަށް އިންވެސްޓްކޮށް މީހުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށްދިނުމަކީ ގައުމީ ބޭންކުގެ އެންމެ މުހިއްމު އެއް ދައުރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެފަދަ މަޝްރޫއުއެއްގެ ސަބަބުން، މާލީ ގޮތުން އުފުލަން ޖެހިފައިވާ ބުރައަށް ހައްލެއް ލިބުމަކީ އެ ރައްޔިތުންނަށް ލިބޭ ތަނަވަަސް ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މިއީ މާލޭ ސަރަހައްދުގައި އޮތް ބޯހިޔާވަހިކަމުގެ ޑިމާންޑާއި ސަޕްލައިއާ ދެމެދު އޮތް ފަރަގު ކުޑަކުރަން އެ ބޭންކުން އެޅި މުހިންމު ފިޔަވަޅެއްގެ ގޮތުގައި ޝަރީފް ސިފަކުރެއްވި އެވެ.
"މިފަދަ މަޝްރޫއުތަކަށް އިންވެސްޓްކުރުމަކީ އިގްތިސާދީ ދުވެލި ހަލުވިވެ އިމާރާތްކުރުމުގެ ދާއިރާއަށް އިތުރު ދިރުމެއް ލިބި އެތައް އާއިލާތަކަކަށް އަތްފޯރާ އަގެއްގައި އަމިއްލަ ބޯހިޔާވަހިކަމެއް ކަށަވަރުވެ، އަދި މުޖުތަމައަށް އެކި ގޮތްގޮތުން ކުރިއެރުން ލިބިގެންދާނެ ކަމެއް." ޝަރީފް ވިދާޅުވި އެވެ.
އެފްޑަބްލިޔު ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވާ މަޝްރޫއުގެ ދަށުން އަޅާނީ 3 ކޮޓަރީގެ 182 އެޕާޓްމަންޓެވެ. އެއީ 900 އަކަފޫޓުގެ ފްލެޓުތަކެކެވެ. ހެޔޮ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ބީއެމްއެލްއާ ހަވާލުކޮށްފައިވާ އެ މަޝްރޫއުގެ ދަށުން ވިލިމާލެ އާއި ހުޅުމާލެ 1 އަދި 3 ގައި 3،260 ފްލެޓު އިމާރާތްކުރާނެ އެވެ. އޭގެ ތެރެއިން ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކޮށްގެން ހުޅުމާލޭގައި އިމާރާތްކުރާ 1،224 ހައުސިން ޔުނިޓްގެ ބިންގާ ވަނީ ދާދިފަހުން ވަނީ އަޅައިފަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަނީ އާރްސީސީ އާ ހަވާލުކޮށްގެން ވިލިމާލޭގައި އަޅާ 300 ފްލެޓުގެ ބިންގާ ވެސް އަޅައިފަ އެވެ.
މީގެއިތުރުން އެ މަޝްރޫއުގެ ދަށުން 1،190 ފްލެޓު އަޅަން ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)އާއި 364 ފްލެޓު އެޅުމަށް އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވެ އެވެ.

