ބޭންކް އޮފް މޯލްޑިވްސް މިރޭ 6 ބްރާންޗްގެ ހިދުމަތް އިފްތިތާހުކޮށްފި އެވެ.

މިރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ޚިދުމަތްތައް އިފްތިތާހުކޮށްދެއްވީ ރައީސް މުހައްމަދު މުއިއްޒުއެވެ.

މި ރަސްމިއްޔާތުގައި ބޭންކުގެ ޗެއާޕަރސަން އަހްމަދު އަލީ ހަބީބް އާއި ބޭންކުގެ ސީއީއޯ އެންޑް މެނޭޖިން ޑިރެކްޓަރުގެ އިތުރުން ބޭންކުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.

އާ ބްރާންޗްތައް ހުޅިވާފައިވާ ރަށްތަކަކީ:

1. ހދ. ހަނިމާދޫ

2. އއ. ތޮއްޑޫ

3. ތ. ވިލުފުށި

4. ސ. ހުޅުދޫ

5. ސ. ހިތަދޫ

6. ހދ. ކުޅުދުއްފުށި

މި ބްރާންޗްތަކުގެ ތެރެއިން ކުޅުދުއްފުށީގައި ހުޅުވި ބްރާންޗަކީ ވިޔަފާރިތަކަށް ހިދުމަތް ފޯރުކޮށްދިނުމަށް ހާއްސަކޮށްފައިވާ ބިޒްނަސް ސެންޓަރެކެވެ.

މާދަމާއިން ފެށިގެން މި ބްރާންޗްތަކުން ހިދުމަތް ލިބޭނެއެވެ. މީގެ ކުރިންވެސް ބޭންކުން އިޢުލާންކޮށްފައިވާ ގޮތަށް، މި ބްރާންޗްތަށް މަސައްކަތް ކުރާނީ ކަސްޓަމަރުންނާ ގާތުން، ކަސްޓަމަރުން ތިބި ތަނަކުން ޚިދުމަތް ފޯރުކޮށްދިނުމަށެވެ.

މި ވާހަކަ ތަކުރާރުކުރައްވައި މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ ހުރިހާކަމެއް ޑިޖިޓަލްވެގެން ދާ ޒަމާނެއްގައި، ކަސްޓަމަރުންނާ އޮންނަ ގާތްގުޅުން ދުރުވެގެން ދިއުމަކީ ބޭންކުން އެއްވެސް ވަރަކަށް ބޭނުންވާ ކަމެއް ނޫންކަމަށެވެ. އެހެންކަމުން މި ބްރާންޗްތަކުގެ މުވައްޒަފުންނަކީ އަބަދު ބްރާންޗްތަކުގެ ތިބޭނެ މުވައްޒަފުންނަށް ނުވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"އެމުވައްޒަފުންގެ ރޯލަކީ ގޭގެއަށްވެސް އަދި ވިޔަފާރިތަކަށްވެސް ޒިޔާރަތް ކުރުން. ބްރާންޗް ގާއިމްކުރާ ރަށާއި ކައިރި އެހެން ރަށްތަކަށް ދަތުރުވެސް ކުރުން. ބޭންކުގެ ޕްރޮޑަކްޓްތަކާއި ހިދުމަތްތަކުގެ މައުލޫމާތު ދިނުން. އަދި ފައިނޭންޝަލް ލިޓެރަސީ ކުރިއެރުވުމާއި ސްކޭމް ތަކުން ރައްކާތެރިވުމަށް ހޭލުންތެރިކަން އިތުރު ކުރުން. ބޭންކުގެ ޚިދުމަތްތައް ޑިޖިޓަލް ވަމުންދިޔަކަމުގައި ވިޔަސް އަޅުގަނޑުމެން މިތިބީ ކަސްޓަމަރުންނާ ވަރަށް ގާތުން ޚިދުމަތް ދިނުމަށް ތައްޔާރުވެގެން." ޝަރީފް ވިދާޅުވި އެވެ.