2024 ވަނަ އަހަރު ޓީޓީގެ މުއާމަލާތްތަކަށް ބޭންކުން ޑޮލަރު ސަޕޯޓް ދެމުން އައީ ފަސް ޕަސެންޓާއި 10 ޕަސަންޓާ ދެމެދު ކަމަށާއި 2025 ވަނަ އަހަރު ޓީޓީގެ މުއާމަލާތްތަކަށް 50 ޕަސަންޓާ ހަމައަށް ޑޮލަރު ސަޕޯޓް ދޭ ގޮތަށް ހަމަޖެއްސުމަކީ ބޮޑު ކުރިއެރުމެއް ކަމަށް ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ޝަރީފް މިހެން ވިދާޅުވީ 90 އޭޓީއެމްއާއި 6 ބްރާންޗް އިފްތިތާހުކުރުމަށް ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ޝަރީފް ވިދާޅުވީ ޓީޓިއަށް ބޭންކުން ދޭ ޑޮލަރު ސަޕޯޓަށް ގެނައި ބަދަލާއެކު ޓިޓިއަށް ވިއްކާ ޑޮލަރުގެ އަދަދު 4 ގުނަ އިތުރުވި ކަމަށެވެ. ވޭރުވެދިޔަ އަހަރު ބޭންކުން ޑޮލަރު ވިއްކާފައިވާ ގޮތަށް އަލިއަޅުވާލަމުން ޝަރީފް ވިދާޅުވީ މިދިޔަ އަހަރު ވިޔަފާރިތަކަށް ޖުމްލަ 175 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށާއި މީގެ ތެރެއިން 104 މިލިއަން ޑޮލަރު ވިއްކާފައި ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކަމަށެވެ.

އަދި އާންމު ފަރުދުންގެ އެކިއެކި ބޭނުންތަކަށް ކްރެޑިޓް އަދި ޑެބިޓް ކާޑުތަކަށް 390 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.

"ރާއްޖެއިން ބޭރަށް ފުރާ ދިވެހިންނަށް 98.5 މިލިއަން ޑޮލަރު ވިއްކާފައިވާއިރު ޢުމްރާ ވެރިންނަށް 9 މިލިއަން ޑޮލަރު ވިއްކާފައިވޭ. އެހެންކަމުން 2025 ވަނައަހަރު ބީއެމްއެލް އިން ވިއްކި ޖުމްލަ ޑޮލަރުގެ އަދަދަކީ 672.5 މިލިއަން ޑޮލަރު. އެއީ ދުވާލަކަށް 1.84 މިލިއަން ޑޮލަރަށް ވުރެވެސް ބޮޑު އަދަދެއް." ޝަރީފް ވިދާޅުވި އެވެ.