ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މަސައްކަތްތައް ހަރުދަނާކޮށް، މުވައްޒަފުންނަށް ލުއިތަކެއް ދޭން ނިންމައިފި އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭންކިންގެ ހިދުމަތް ދޭ ބީއެމްއެލް އިން ބުނީ މިދިޔަ އަހަރު ބޭންކުގެ ޑިޖިޓަލް ގާބިލުކަން އިތުރުކުރުމަށާއި، މަސައްކަތްތަކުގެ ހިންގުން ހަރުދަނާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށެވެ.

"މިއީ ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު އެންމެ މަތީ މިންގަނޑުގައި ހިފަހައްޓަމުން، ޒަމާނީ އަދި ހަލުވި މަސައްކަތުގެ މާހައުލެއް ބިނާކުރުމަށް ބޭންކުން ކުރަމުންދާ މުހިންމު މަސައްކަތުގެ ތެރެއިން ބައެއް. މި ގެނެވުނު ހެޔޮ ބަދަލުތަކުގެ ނަތީޖާއެއްގެ ގޮތުން، މުވައްޒަފުންގެ ދުޅަހެޔޮކަމަށާއި މަސައްކަތާއި އަމިއްލަ ދިރިއުޅުމުގެ ކަންކަމުގައި ހަމަހަމަކަން ހިފެހެއްޓުމަށް ބާރުއެޅުމުގެ ގޮތުން، މަސައްކަތުގެ އިންތިޒާމުތަކަށް ބޭންކުން ވަނީ ލުއިތަކެއް ދީފައި،" އެ ބޭންކުން ބުންޏެވެ.

ބީއެމްއެލް އިން ބުނީ މުވައްޒަފުންނަށް ލުއި ދިނުމުގެ ގޮތުން ބޭންކުގެ އޮޕަރޭޝަނަލް މަސައްކަތްތަކަށް ދަތި ނުވާނެ ހެން، މުވައްޒަފުންނަށް މެންދުރުފަހު 3:00 އިން ފެށިގެން އޮފީހުގެ މަސައްކަތް ނިންމާލުމުގެ އިހުތިޔާރު މިމަހުގެ 1 އިން ފެށިގެން ދީފައިވާ ކަމަށެވެ. މިކަން މިދިޔަ މާޗު މަސް ތެރޭގައި މުވައްޒަފުންނަށް އަންގާފައިވާނެ ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.

"މީގެ އިތުރުން، ޒަމާނީ ޑިޖިޓަލް ޕްލެޓްފޯމްތަކާއި ރިމޯޓްކޮށް މަސައްކަތްކުރެވޭނެ ވަސީލަތްތަކުގެ އެހީގައި، މުވައްޒަފުންނަށް މިހާރު ކޮންމެ ވަގުތަކު އަދި ކޮންމެ ތަނެއްގައި ހުރެގެންވެސް ކަސްޓަމަރުންނަށް ހިދުމަތް ދެވޭނެ. މީގެ ސަބަބުން ބޭންކިން ހިދުމަތްތައް މެދުނުކެނޑި ލިބިގެންދާނެކަން ކަށަވަރުކުރެވޭ،" ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލް އިން ބުނީ ކަސްޓަމަރުންނަށް މެދުނުކެނޑި ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި އޮފީހުގައި ތިބެންޖެހޭ މުވައްޒަފުން، އެއްވެސް މެދުކެނޑުމެއް ނެތި އެގޮތުގައި މަސައްކަތް ކުރުމުގެ އިހުތިޔާރު ދީފައިވާނެ ކަމަށެވެ.

"ބޭންކުގެ ހިންގުމަށް ގެނައި މި ބަދަލުތަކުގެ ސަބަބުން، ކަސްޓަމަރުންނަށް ހިދުމަތްދޭ ގަޑިތަކަށް އެއްވެސް ބަދަލެއް ނާންނާނެ. އަދި ކަސްޓަމަރުންނަށް ލިބެމުންދާ މަތީ ފެންވަރުގެ ހިދުމަތާއި ލުއިފަސޭހަކަން ކުރިއެކޭވެސް އެއްގޮތަށް ލިބެމުންދާނެ،" އެ ބޭންކުން ބުންޏެވެ.

ބީއެމްއެލް އިން ބުނީ މި ބަދަލާއެކު ބޭންކުގެ ހިންގުން އިތުރަށް ހަރުދަނާވެ، ހަރަދުތައް ކުޑަވެގެންދާނެ ކަމަށެވެ.