ދިރާގުން ނިމިދިޔަ ރަމަޟާން މަހު ދިރާގުޕޭ މެދުވެރިކޮށް 'ޑޮނޭޓް އަ މީލް' އަދި 'ޑޮނޭޓް ޓު އަ ފެމިލީ' ޕްރޮގްރާމްގެ ދަށުން 213،998 ރުފިޔާގެ އެހީ ހަދިޔާކޮށްފި އެވެ.

މީގެ ތެރޭގައި ދިރާގުން ހަދިޔާކުރި 180،000 ރުފިޔާގެ އިތުރުން ރަމަޟާން މަހު ދިރާގުޕޭ މެދުވެރިކޮށް އާންމުންގެ ފަރާތްތަކުން ލިބިފައިވާ އެހީ ހިމެނެ އެވެ.

މި ގޮތުން، ދިރާގުން ވަނީ މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސް އާއި ގުޅިގެން 'ޑޮނޭޓް އަ މީލް' ޕްރޮގްރާމް މެދުވެރިކޮށް ބިދޭސީ މަސައްކަތްތެރިންނަށް މީލް ޕެކް ބަހައިފަ އެވެ. މި ހަރަކާތް ފެށުމުގެ ގޮތުން ދިރާގުން ވަނީ 1,000 މީލް ޕެކް ހަދިޔާކޮށްފަ އެވެ. އަދި، ކަސްޓަމަރުން ވަނީ ދިރާގުޕޭ މެދުވެރިކޮށް މި ހަރަކާތައް އިތުރު އެހީތެރިކަން ފޯރުކޮށްދީފައެވެ. މާލެ ސަރަހައްދުގައި ހިމެނޭ މިސްކިތްތައް ކައިރީގައި ކުރިއަށްގެންދިޔަ މި ހަރަކާތުގައި ދިރާގުގެ މުވައްޒަފުން ވެސް ވަނީ އަމަލީގޮތުން ބައިވެރިވެ މީލް ޕެކްތައް ބަހައިފަ އެވެ.

'މަމްސް އެއިޑް' އާ ގުޅިގެން ދިރާގުން ވަނީ ދިރާގުޕޭ މެދުވެރިކޮށް 'ރަމަޟާން އެއިޑް' ޕްރޮގްރާމްގެ 'ޑޮނޭޓް ޓު އަ ފެމިލީ' ހަރަކާތުގެ ތެރެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެހީތެރިކަމަށް ބޭނުންވެފައިވާ އާއިލާތަކަށް އެހީވުމުގެ ފުރުސަތު އިތުރަށް ފަހިކޮށްދީފަ އެވެ. މި ގޮތުން، ދިރާގުގެ ފަރާތުން މި ހަރަކާތައް އެހީތެރިވުމުގެ ގޮތުން 100 އާއިލާއަކަށް ކާބޯތަކެތީގެ ޒަރޫރީ ސާމާނު ހިމެނޭ 'ކެއަރ ބާސްކެޓް' ފޯރުކޮށްދީފައިވާއިރު، އާންމުންގެ ފަރާތުން ވެސް ދިރާގުޕޭ މެދުވެރިކޮށް އިތުރު އެހީތެރިކަން ވަނީ ލިބިފަ އެވެ. މި ހަރަކާތް މެދުވެރިކޮށް އެހީތެރިކަން ފޮރުކޮށްދިނުމުގައި އެކަނިވެރި މައިންނާއި، ނުކުޅެދުންތެރިކަން ހުންނަ ކުދިން ބަލަހައްޓާ އާއިލާތަކަށް އެހީތެރިކަން ފޯރުކޯށްދިނުމަށް ވަނީ ހާއްސަ އިސްކަމެއް ދީފަ އެވެ.

ދިރާގުން ދަނީ އެ ކުންފުނީގެ ސީ.އެސް.އާރުގެ ދަށުން މުޖުތަމައަށް ފައިދާކުރަނިވި ހަރަކާތްތަކަށް އެއްބާރުލުންދީ، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.