މިއަދު ރާއްޖެއަށް އައުމަށް ތާވަލުކޮށްފައިވާ ގިނަ އަދަދެއްގެ ފްލައިޓްތަކެއް ކެންސަލްވުމާ ގުޅިގެން، 4،000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ރާއްޖެ ނާދެވޭނެކަން ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މިއީ ރާއްޖޭގެ އިގްތިޞާދަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވަމުންދާ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފަ އެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ޓްރެވަލް ކުންފުނި، އިނާ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވަނީ މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ފިރާގު ވިދާޅުވި ގޮތުގައި މިއަދުގެ ފްލައިޓް ޝެޑިއުލަށް ބަލާއިރު 4،000 އަށްވުރެ ގިނަ ސީޓް ވަނީ ކެންސަލްވެފަ އެވެ. މިއީ ގައުމުގެ އިގްތިސާދަށް ނުހަނު ނުރައްކާތެރި މައްސަލައެއްކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ މިއީ އެކަކު އަނެކަކަށް އިނގިލި ދިއްކޮށް ކުށްވެރި ކުރަންވީ ވަގުތު ނޫން ކަމަށާއި، މިއީ އެންމެން ގުޅިގެން ފިޔަވަޅު އަޅަންވީ ވަގުތު ކަމަށެވެ.

ފްލައިޓް ޝެޑިއުލްތަކުން ދައްކާ ގޮތުގައި މިއަދު ކެންސަލްވެފައިވާ މައިގަނޑު އެއާލައިންތަކަކީ، ފްލައި ދުބާއީގެ 5 ދަތުރު، އެމިރޭޓްސްގެ 3 ދަތުރު، ގަތަރު އެއާވޭސްގެ 3 ދަތުރު، އެއާ އެރޭބިއާގެ 2 ދަތުރު، ގަލްފް އެއާގެ 2 ދަތުރު އަދި އިއްތިހާދު އެއާވޭސްގެ 1 ދަތުރެވެ.

ކެންސަލްވި ފްލައިޓުތަކުގެ ތެރޭގައި ބޮއިން 777 އަދި 787 ފަދަ ބޮޑެތި ބޯޓުތަކާއި، އެއާބަސް އޭ 320 އަދި ބޮއިން 737 ފަދަ ބޯޓުތައް ހިމެނެ އެވެ. މިއާއެކު ރާއްޖެ އަންނަން ތިބި ގިނަ އަދަދެއްގެ ފަތުރުވެރިންގެ ދަތުރުތައް މިވަނީ ކެންސަލްވެފަ އެވެ.

މި ހާލަތުން އަރައިގަތުމަށްޓަކައި، ސިނާއަތުގެ ހުރިހާ ބައިވެރިން ގުޅިގެން އައު މާކެޓްތައް ހޯދުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ފިރާގު ވިދާޅުވި އެވެ. އަދި ބޮޑެތި ޑިސްކައުންޓްތައް ދީގެން ނަމަވެސް ފަތުރުވެރިން ގެނައުމުގެ މަސައްކަތް ވަރުގަދަކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ފެށި ހަނގުރާމައާ ގުޅިގެން މާޗް މަހުގެ ތެރޭގައިވެސް ރާއްޖެ އަށް 300 އަށް ވުރެ ގިނަ ފްލައިޓް ކެންސަލްވެ، 60،000 އަށް ވުރެ ގިނަ ބުކިން ކެންސަލްވެ، ގާތްގަނޑަކަށް 350،000 ރޫމް ނައިޓްސް ގެއްލިފައިވާ ކަމަށް ލަފާކުރެވޭ ކަމަށް އިނާ މޯލްޑިވްސް އިން ކުރިން ވަނީ ބުނެފަ އެވެ.