ދިރާގުން ކުރިއަށްގެންދިޔަ ފޯރިގަދަ 'ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަންގެ ދެވަނަ ނަސީބުވެރިޔާ، ޖޫން މަހުގެ ތެރޭގައި ހޮވާނެކަން ދިރާގުން އިއުލާންކޮށްފި އެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތަކަށް 'އަލް ޝާލީ މެރިން ކެނެރީ 28' މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެއް ލިބޭނެ އެވެ. 250 ހޯސްޕަވަރުގެ ޔަމަހާ އައުޓްބޯޑް އިންޖީނު އަޅާފައިވާ މި އުޅަނދަކީ، އޭގެ ފަރުމާގެ ފުރިހަމަކަމާއި ބާރުމިނުގެ ސަބަބުން ކަނޑުމަތީގެ އެކި ބޭނުންތަކަށް އެކަށީގެންވާ އުޅަނދެކެވެ. މި ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔާ މިދިޔަ ޖެނުއަރީ މަހު ހޮވައި، މިހާރު ވަނީ ލޯންޗު ހަވާލުކޮށްފަ އެވެ. އެހެންކަމުން، މިހާރު ގިނަ ބަޔަކު އިންތިޒާރު ކުރަމުންދަނީ އެންމެ ފަހު ނަސީބުވެރިޔަކީ ކޮބައިތޯ ބެލުމަށެވެ.
މި ޕްރޮމޯޝަނަކީ ދިރާގުގެ ޕްރިޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް ބޭނުންކުރާ ހުރިހާ ކަސްޓަމަރުންނަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ފުރުސަތެކެވެ. ފުރަތަމަ ބުރުގައި ބައިވެރިވި ފަރާތްތައްވެސް މި ދެވަނަ ގުރުއަތުލުމުގައި ހިމެނޭނެ އެވެ. އެންމެ ފަހު ސްޕީޑްބޯޓު ހާސިލުކުރުމުގެ ފުރުސަތު ދެމެހެއްޓުމަށްޓަކައި، ކަނޑައެޅިފައިވާ ޝަރުތުތައް ފުރިހަމަކޮށް، ހިދުމަތްތައް މެދުނުކެނޑި ބޭނުންކުރުމަށް ދިރާގުން އިލްތިމާސްކުރެ އެވެ.
ދެވަނަ ލޯންޗުގެ ނަސީބުވެރިޔާ ހޮވުމަށް ބާއްވާ ގުރުއަތުލުމުގެ އިތުރު ތަފްސީލުތައް ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރާނެ ކަމަށް ދިރާގުން ބުނެ އެވެ.
ދިރާގުގެ އަމާޒަކީ ކަސްޓަމަރުންނަށް މިފަދަ އަގުހުރި ފުރުސަތުތަކެއް ފަހިކޮށްދިނުމާއެކު، މުޅި ރާއްޖެ ޑިޖިޓަލް ވަސީލަތްތަކުން ގުޅުވާލައި، ދިވެހިންގެ ދިރިއުޅުމަށް ފާގަތިކަމާއި ކުރިއެރުން ގެނެސްދިނުމެވެ.

