ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމަށް ހިންގުމާ ހަވާލުވެ ހުންނެވި އަލީ އަޒްވަރު މިއަދު އައްޔަންކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ ސްޓެލްކޯގެ އެމްޑީ ކަމަށް ސ. ފޭދޫ ނެސްޕްރޯވިލާ، އަޒްވަރު އައްޔަން ކޮށްފައިވާ ކަމަށެވެ.
އަޒްވަރު އެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އޭނާ މިހާތަނަށް ހުންނެވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން އެ ކުންފުނި ހިންގުމާ ހަވާލުވެ ވަޑައިގެންނެވެ.
އަޒްވަރާ ކުންފުނީގެ ހިންގުން ހަވާލުކުރީ މެނޭޖިން ޑިރެކްޓަރު ކަމުން އަހްމަދު ޝަމާހު ރަޝީދު އިސްތިއުފާދެއްވުމުންނެވެ.
ސްޓެލްކޯގައި 29 އަހަރު ހޭދަކުރައްވާފައިވާ އަޒްވަރު ނިއުޒިލެންޑުން ޕީއެޗްޑީ ހާސިލް ކުރެއްވީ ކުދި ޖަޒީރާ ގައުމުތަކުގައި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ފެތުރުމާ ގުޅޭގޮތުންނެވެ. އަދި އޭނާ ވަނީ ސިންގަޕޫރުގެ ގައުމީ ޔުނިވާސިޓީން ޕަބްލިކް ޕޮލިސީގެ ދާއިރާއިން މާސްޓާސް އަދި އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ޝެފީލްޑުން ބިޒްނަސް ސްޓަޑީޒް އިން ޑިގްރީ ހާސިލް ކުރައްވައިފަ އެވެ

