މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ “ފަސްމީރު” ބްރޭންޑުގެ އުފެއްދުންތައް އަވަށްޓެރި ސްރީލަންކާއަށް ރަސްމީކޮށް ތައާރަފުކޮށްފި އެވެ.
މިކަމަށްޓަކައި ކޮލަމްބޯގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް މުހައްމަދު މުއިއްޒު އެވެ. މި ރަސްމިއްޔާތުގައި ދެ ޤައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނާއި، ޑިޕްލޮމެޓިކް ދާއިރާގެ ބޭފުޅުންނާއި، މަސްވެރިކަމުގެ ދާއިރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިފްކޯގެ ސީއީއޯ އަދި އެމްޑީ މުހައްމަދު އަނަސް ވިދާޅުވީ މިއީ ކުންފުނީގެ ވިޔަފާރި ބައިނަލްއަގްވާމީ ބާޒާރުގައި ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ހޯދުނު މުހިންމު ކާމިޔާބީއެއް ކަމަށެވެ. އަދި ސްރީލަންކާއަށް “ފަސްމީރު” ބްރޭންޑް ތައާރަފުކުރުމަކީ ރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތައް ބޭރުގެ ބާޒާރުތަކަށް އިތުރަށް ފުޅާކުރުމަށާއި، ރާއްޖެއިން ކުރަމުންދާ ތިމާވެއްޓާ ރައްޓެހި މަސްވެރިކަން އިޝްތިހާރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް ވެސް އަނަސް ވިދާޅުވި އެވެ.
ލަންކާއަށް “ފަސްމީރު” ބްރޭންޑުގެ އުފެއްދުންތައް ރަސްމީކޮށް ތައާރަފުކުރެވުނީ ޑިވެލޮޕްމަންޓް އިންޓާޕްލޭން ސިލޯން ޕްރައިވެޓް ލިމިޓެޑް (ޑީއައިސީއެލް) އާއެކު ވެފައިވާ “އެކްސްކްލޫސިވް ޑިސްޓްރިބިއުޝަން” އެއްބަސްވުމެއްގެ ދަށުންކަމަށް މިފްކޯއިން ބުނެ އެވެ. މި އެއްބަސްވުމުގެ ދަށުން، ލަންކާގެ ހޮޓާ، ރެސްޓޯރެންޓް އަދި ކޭޓަރިން ދާއިރާއަށް “ފަސްމީރު” ގެ އުފެއްދުންތައް ފޯރުކޮށްދިނުމާއި، ރީޓެއިލް އަދި ހޯލްސޭލް ބާޒާރަށް މި އުފެއްދުންތައް ނެރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
މި ރަސްމިއްޔާތުގައި މިފްކޯގެ އުފެއްދުންތައް ދައްކާލުމުގެ އިތުރުން، އެ އުފެއްދުންތައް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ދިވެހި ސަގާފީ 'މާލަފަތެއް' ވަނީ ދައްކާލާފަ އެވެ.
މި ރަސްމިއްޔާތުގައި ސްރީލަންކާގެ މިނިސްޓަރ އޮފް ޓްރޭޑް، ކޮމާސް، ފުޑް ސެކިއުރިޓީ އެންޑް ކޯޕަރޭޓިވް ޑިވެލޮޕްމަންޓް، ވަސަންތަ ސަމަރަސިންހަ ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވި އެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް އިސްތިރާޖީ ވިޔަފާރީގެ ގުޅުން ހަރުދަނާކުރުމުގައި މިފަދަ މަސައްކަތްތަކުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ.

