ގައުމީ ބޭންކްގެ ޕޭމަންޓް ސިސްޓަމްގެ ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމުގެ މަގްސަދުގައި، ބޭންކް އޮފް މޯލްޑިވްސް އިން މޯލްޑިވްސް އިމިގްރޭޝަނާއެކު ގާއިމްކުރި ސްޓްރެޓީޖިކް ޑިޖިޓަލް ޕާޓްނާޝިޕްގެ ދަށުން ކަސްޓަމަރުންގެ ދަތުރާ ގުޅޭ މައުލޫމާތު ބޭންކާ ހިއްސާނުކުރާނެ ކަމަށް ބީއެމްއެލް އިން ބުނެފި އެވެ.
މި އެއްބަސްވުމުގެ ދަށުން، ބީއެމްއެލްގެ ކަސްޓަމަރުންގެ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުން، ކުރާ މުޢާމަލާތްތައް އޮތަރައިޒް ކުރާއިރު ކާޑުގެ ވެރިފަރާތް އެވަގުތު ހުރީ ރާއްޖޭން ބޭރުގައިތޯ ނުވަތަ ރާއްޖޭގައިތޯ ކަށަވަރު ކުރެވޭނެ އެވެ. މިއާއެކު ރާއްޖެއިން ބޭރުގައި ކާޑުގެ ވެރިފަރާތް ހާޒިރުވެ ހުރެގެން ޕީއޯއެސް އަދި އޭޓީއެމް ފަދަ ޗެނެލްތަކުގައި ކުރަންޖެހޭ މުއާމަލާތްތައް ކުރެވޭނީ، ކާޑުގެ ވެރިފަރާތް ރާއްޖެއިން ބޭރުގައި ހުރިނަމަ އެވެ. އެހެންކަމުން އެހެން ފަރާތަކުން ރާއްޖޭގައި ހުރި މީހެއްގެ ކާޑު ހިފައިގެން ގޮސް ރާއްޖެއިން ބޭރުގައި ބޭނުން ނުކުރެވޭނެއެވެ. މީގެތެރޭގައި ކާޑުގެ މަޢުލޫމާތުތައް ބޭނުންކޮށްގެން ހަދާ އީކޮމާސް ޓްރާންސެކްޝަންތައް ނުހިމެނެ އެވެ.
ބީއެމްއެލް އިން ބުނީ މިކަން ކުރަނީ އެއްފަރާތުން އަނެއްފަރާތަށް ކަސްޓަމަރުގެ މައުލޫމާތު ދީގެނެއްނޫން ކަމަށެވެ. ކާޑުން ޓްރާންސެކްޝަނެއް ހެދެނީ އެޕްރޫވަލް ނުވަތަ އޮތަރައިޒޭޝަން ޕްރޮސެސްއެއްގެ ތެރެއިން ކަމުގައިވާއިރު މި ޕްރޮސެސްގެ ތެރޭގައި ކާޑުގެ ސައްހަކަމާއި ކާޑުގެ ވެލިޑިޓީއާއި އެކައުންޓް ނުވަތަ ކްރެޑިޓް ލިމިޓްގައި އެ ޓްރާންސެކްޝަނަށް ފައިސާދެއްކޭނެ ބެލެންސް ހުރިތޯ އޮޓޮމެޓޮކުން ސިސްޓަމުން އަންގައި ދޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ. އަދި މިހާރު އިމިގްރޭޝަންއާއެކު ގާއިމުކުރެވުނު ޑިޖިޓަލް އިންޓަގްރޭޝަންގެ ސަބަބުން މި އެޕްރޫވަލް ނުވަތަ އޮތަރައިޒޭޝަން ޕްރޮސެސް ތެރެއިން ރާއްޖެއިން ބޭރުގައި ޓްރާންސެކްޝަން ހަދާއިރު އޭނަ އެހުރީ ރާއްޖެއިން ބޭރުގައިތޯ އޮޓޮމެޓިކުން ބެލޭނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
"މި މަސައްކަތަކީ މާލީ ކުށްތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި ބީއެމްއެލްއިން އެޅި މުހިންމު ފިޔަވަޅެކެވެ. ބޭންކުން ހާމަކޮށްފައިވާ ގޮތުގައި، މިއީ ކާޑު ބޭނުންކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އޮޅުވާލުމާއި މަކަރާއި ހީލަތުގެ އަމަލުތަކުން ރައްކާތެރިވުމަށް އެޅުނު ސީދާ ފިޔަވަޅެކެވެ،" ބީއެމްއެލް އިން ބުންޏެވެ.
ހާއްސަކޮށް، ކާޑުގެ ވެރިފަރާތަށް ނޭގި ނުވަތަ އޮޅުވާލައިގެން ކާޑުގެންގޮސްގެންނާއި ބައެއް ފަހަރު ކާޑު ނަކަލުކޮށްގެން، ރާއްޖޭން ބޭރުގައި ހުއްދަނެތް އެތަކެއް މުއާމަލާތްތައް ހިންގާ މައްސަލަތައް ބީއެމްއެލް އިން ވަނީ ފާހަގަކޮށްފަ އެވެ.
ބޭންކުގެ ކާޑު ބޭނުންކުރުމުގެ އާންމު އުސޫލުތަކާއި ޝަރުތުތަކުގައި ކާޑުގެ ވެރިފަރާތުން ދޭންޖެހޭ އަދި ކާޑު ބޭނުންކުރުމުގައި ވެރިފިކޭޝަން ހަދަންޖެހޭ މައުލޫމާތު ކޮންމެ ގޮތަކުން، ކޮންމެ ފަރާތަކުން ހޯދުމުގެ ހުއްދަ ކާޑުގެ ވެރިފަރާތުން ބޭންކަށް އަބަދުވެސް ދީފައިވެ އެވެ. އަދި މިހާރު މިގާއިމު ކުރެވުނު އިންޓަގްރޭޝަން އާއެކު މި މާއްދާ އިތުރަށް ތަފްސީލް ކުރެވިފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލް އިން ބުނީ ކާޑުގެ މުއާމަލާތްތަކުގެ ސައްހަކަން ދެނެގަތުމަކީ ބައިނަލްއަގުވާމީ ކާޑު ނެޓްވޯކްތަކުގެ މިންގަނޑުތަކުގެ ދަށުން، ދުނިޔޭގެ ޕޭމަންޓް ނިޒާމުތަކުގެ އިތުބާރު ހިފެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަމެއް ކަމަށެވެ.
ބޭންކުން މި ގޮތަށް އަމަލުކުރަން ފެށުމާއެކު، ބީއެމްއެލް ވެފައި މިވަނީ ބޭންކިންގެ ސަލާމަތީ ކަންކަމުގައި މި ސަރަހައްދުގައި ކުރިއަރާފައިވާ ބޭންކަކަށެވެ. މިއީ އާންމު ބޭންކިންގ ސިސްޓަމްތަކުން އެކަނި ފޯރުކޮށްނުދެވޭނެ ފަދަ ރައްކާތެރިކަމެއް ކަމެއް ކަމުގައިވުމުން މި އިންޓަގްރޭޝަން އަކީ ރާއްޖޭގެ ޕޭމެންޓް ސިސްޓަމުގެ ރައްކާތެރި ކަމަށް ލިބުނު އިތުރު ކުރިއެރުމެކެވެ.
ބީއެމްއެލް އިން ވަނީ ކޮންމެ މުއާމަލާތަކީވެސް ރައްކާތެރި އަދި ކަށަވަރުކުރެވިފައިވާ މުއާމަލާތެއްކަން ޔަގީންކޮށްދިނުމަށް ބޭންކުން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަންދީފަ އެވެ.

