ޑޮލަރު އެކައުންޓުން ކާޑު ބޭނުންކޮށްގެން ރީޓެއިލް ވިޔަފާރި ސައިޓްތަކުން ވިޔަފާރިކުރުމަށް ކަސްޓަމަރުންނަށް އެއްވެސް ލިމިޓެއް ކަނޑައަޅާފައިނުވާނެކަމަށް ބީއެމްއެލްއިން ބުނެފި އެވެ.
އެބޭންކުން މިހެން ބުނީ، ބޭރުގެ ބައެއް އީކޮމާސް ސައިޓުތަކުން މަހަކު ކުރެވޭ މުއާމަލާތްތައް ލިމިޓްކުރުމާ ގުޅިގެން ހަގީގަތް އޮޅޭގޮތަށް ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތައް ސާފުކޮށްދިނުމުގެގޮތުންނެވެ.
ބީއެމްއެލްގެ ތަރުޖަމާނު މުހައްމަދު ސައީދު ވިދާޅުވީ ޓޭމޫ، ޝީއިން ފަދަ ރީޓެއިލް ވިޔަފާރި ސައިޓްތަކުން ޑޮލަރު އެކައުންޓުން ކާޑު ބޭނުންކޮށްގެން ބޭނުންވާ އަދަދަކަށް ވިޔަފާރިކުރެވޭނެކަމަށާއި މިކަމަށް ބެންކުން ލިމިޓެއް ކަނޑައަޅާފައިނުވާނެކަމަށެވެ. ބޭންކުން ހަމައެކަނި އަޅާފައިވާ ފިޔަވަޅަކީ އެފަދަ ސައިޓްތަކުގައި ރުފިޔާ ކާޑުން ކުރާ މުއާމަލާތަށް ޑޮލަރު ވިއްކާ އަދަދަށް ވަކި ލިމިޓެއް ކަނޑައެޅުންކަމަށް އޭނާ ވިދާޅުވި އެވެ.
އަމިއްލަ ބޭނުންތަކަށް ދޫކޮށްފައިވާ ރުފިޔާ ކާޑުތައް ބޭނުންކޮށްގެން ބައެއް ފަރާތްތަކުން އާދަޔާ ހިލާފަށް ގިނަ އަދަދަކަށް އޮންލައިން ސައިޓްތަކުން މުދާ ގަންނަމުންދާކަމަށް އެ ބޭންކުން ބުންޏެވެ. މިކަމުގެ ސަބަބުން ބެންކުން ބޭރުވާ ބޭރު ފައިސާގެ ބޮޑު ބައެއް މަދު ބައެއްގެ މައްޗަށް ބެހިގެންދާކަން ބީއެމްއެލް އިން ފާހަގަކުރެއެވެ.
ރާއްޖޭން ބޭރުން ރުފިޔާއިން ކުރާ ކޮންމެ މުއާމަލާތަކަށްވާ ޑޮލަރު ބީއެމްއެލްއިން ބޭރަށް ފޮނުވަންޖެހެ އެވެ. މަހަކު 30 ޓްރާންސެކްޝަނަށްވުރެ އިތުރަށް ޓްރާންސެކްޝަން ހަދާކަމަށް މިހާރު ފާހަގަވެފައިވަނީ %3 މީހުން ކަމަށް އެ ބޭންކުން ބުންޏެވެ. އަދި މިގެނެވުނު ބަދަލަކީ އީކޮމާސް ވިޔަފާރިކުރާ ފަރާތްތަކަށް ގެނެވޭ ހެޔޮބަދަލެއްގެ ގޮތުގައި އެ ބޭންކުން ސިފަކުރެ އެވެ.

