ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބައިނަލްއަގުވާމީ މާލީ ބާޒާރުތަކުގެ އިންވެސްޓަރުންނާ ބައްދަލުކުރުމަށް ކުރިއަށްގެންދިޔަ "ނޮން-ޑީލް ރޯޑްޝޯ" ބައްދަލުވުންތައް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުން މިއަދު ބުނީ އޭޕްރީލް 29 އިން މިއަދާ ހަމައަށް ކުރިއަށްދިޔަ މި ސިލްސިލާ ބައްދަލުވުންތައް ބާއްވާފައިވަނީ ދުނިޔޭގެ މާލީ މަރުކަޒުތައް ކަމަށްވާ ސިންގަޕޫރު، ހޮންކޮންގް އަދި ލަންޑަނުގައި ކަމަށެވެ. މިއީ ބައިނަލްއަގުވާމީ ފަންޑުތަކުން ބޭންކަށް ބޭނުންވާ މާލީ ވަސީލަތްތައް ހޯދުމަށް ކުރަމުންދާ ސްޓެރެޓެޖިކް މަސައްކަތްތަކުގެ ތެރެއިން ހިންގުނު މުހިންމު ހަރަކާތެއް ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ..

ބީއެމްއެލް އިން ބުނިގޮތުގައި މިގޮތުން ހޯދުމަށް ކަނޑައެޅިފައިވާ ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައި ވަނީ ބޭންކުގެ ހިދުމަތްތައް ފުޅާކުރުމަށާއި، ރާއްޖޭގެ އިގްތިސާދުގެ މައިނާރު ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާއަށް ދެމުންދާ އެހީތެރިކަން އިތުރަށް ވަރުގަދަ ކުރުމަށް ކަމަށެވެ. އަދި މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް ބޭންކުން ފަތުރުވެރިކަމުގެ ދާއިރާއަށް ދޫކޮށްފައިވާ ލޯނުގެ ޖުމްލަ އަދަދު 594 މިލިއަން ޑޮލަރަށް އަރާއިރު، މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް އެކަނިވެސް 35 މިލިއަން ޑޮލަރު ވަނީ މި ދާއިރާއަށް ދޫކޮށްފައި ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.

ބީއެމްއެލް އިން ބުނިގޮތުގައި މި ސިލްސިލާ ބައްދަލުވުންތައް ބާއްވާފައި މިވަނީ ބޭންކުގެ 43 އަހަރުވީ ތާރީޚުގައި ވެސް އެންމެ ރަނގަޅު މާލީ ނަތީޖާއެއް ހޯދި ކާމިޔާބު އަހަރަކަށް ފަހު އެވެ. އަދި ބޭންކުން ދަނީ ފައިދާގެ ނިސްބަތާއި، ފައިސާގެ ތަނަވަސްކަން (ލިކުއިޑިޓީ) އަދި ކެޕިޓަލް އެޑިކުއަސީ ރޭޝިއޯ، ރެގިއުލޭޓަރީ މިންގަނޑުތަކަށް ވުރެ މަތީގައި ދަމަހައްޓަމުން ކަމަށް ވެސް ބީއެމްއެލް އިން ބުނެ އެވެ.

ބީއެމްއެލް އިން ބުނިގޮތުގައި ބޭރުގެ އެއްވެސް ދަރަންޏެއް ނެތި، ބޭންކު އޮތީ ވަރުގަދަ މާލީ ހާލަތެއްގައި، ބައިނަލްއަގުވާމީ މާކެޓްތަކަށް ވަނުމުގެ ފަހި ފުރުސަތުތަކާއެކުގަ އެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ ދުނިޔޭގެ އިންވެސްޓަރުންނާއެކު ބޭއްވުނު ބައްދަލުވުންތަކުން ވަރަށް އުންމީދީ ނަތީޖާތަކެއް ފެނިގެން ގޮސްފައިވާ ކަމަށެވެ. އަދި މިއީ ރާއްޖޭގެ އިގްތިސާދުގެ ކުރިމަގަށާއި ބޭންކުގެ ހަރުދަނާ ހިންގުމަށް އިންވެސްޓަރުންގެ އިތުބާރު އޮތްކަން ހާމަވާ ކަމެއް ކަމަށް ޝަރީފް ވިދާޅުވި އެވެ.

"މީގެ އިތުރުން، ބައިނަލްއަގުވާމީ މާލީ ބާޒާރުތަކަށް ވަނުމަކީ ބޭންކަށް ބޭނުންވާ ފަންޑު ހޯދައި، ވަސީލަތްތައް އިތުރުކޮށް، ފަތުރުވެރިކަން ފަދަ މުހިންމު ދާއިރާތަކަށް ދޭ އެހީތެރިކަން ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް،" އޭނާ ވިދާޅުވި އެވެ.

ބީއެމްއެލް އިން އަމާޒު ހިފާފައިވަނީ، ރިސްކް މެނޭޖްމަންޓުގެ ހަރުދަނާ އުސޫލުތަކާއެކު، ދެމެހެއްޓެނިވި ކުރިއެރުން ހޯދައި، ދިވެހި މާލީ ނިޒާމުގެ މައި ތަނބުގެ ގޮތުގައި ބޭންކުން އަދާކުރާ ދައުރު އިތުރަށް ވަރުގަދަކޮށް، ހިއްސާދާރުންނަށް އެންމެ ފައިދާހުރި ގޮތުގައި ބެންކު ހިންގުމަށެވެ.