މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް އަސަރުކޮށް 500 މިލިއަން ޑޮލަރަށް ވުރެ ބޮޑު ގެއްލުމެއް ލިބިފައިވާތީ، ގެއްލުން ކުޑަކުރުމަށް ސަރުކާރުން އަވަސް ފިޔަވަޅުތައް އެޅުމަށް މަޓާޓޯ އާއި ހޮޓެލްސް އެންޑް ގެސްޓްހައުސަސް އެސޯސިއޭޝަނުން މިއަދު ގޮވާލައިފި އެވެ.

އެ ދެ ޖަމްއިއްޔާ ގުޅިގެން މިއަދު ނެރުނު ބަޔާނުގައި ބުނީ، މިހާރުގެ އެރައިވަލް ޓްރެންޑުތަކާއި ބުކިން ޕެޓާންސް އަދި ކެންސަލޭޝަންއަށް ބަލާއިރު ޓޫރިޒަމަށް 500 މިލިއަން ޑޮލަރަށް ވުރެ ބޮޑު ގެއްލުމެއް ކުރިމަތިވެފައިވާކަމަށް ލަފާކުރެވޭ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ފާއިތުވި ދުވަސްތަކުގައި ފަތުރުވެރިކަމަށް އައިސްފައިވާ ހީނަރުކަމާ އެކު ވަޒީފާގެ ބާޒާރާއި ބޭރު ފައިސާގެ އާމްދަނީގެ އިތުރުން ޓޫރިޒަމާ ގުޅުންހުރި ވިޔަފާރިތަކާއި ގައުމުގެ އިގްތިސޯދަށް ސީރިއަސް ނުރައްކާ ކުރިމަތިވާނެ ކަމަށެވެ.

މިހާރުގެ ހާލަތަށް ބަލާއިރު ގެސްޓްހައުސްތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ގޮންޖެހުންތައް ގިނަ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. މީގެއިތުރުން ޓްރެވަލް އެޖެންޓުންނާއި ޓުއަ އޮޕަރޭޓަރުންނަށް އަދި ޓޫރިޒަމާ ގުޅުން ހުރި އެހެން ވިޔަފާރިތަކަށް ވެސް ބޮޑު ގެއްލުމެއް ވާނެ ކަމަށް އެ ދެ ޖަމިއްޔާ އިން ބުންޏެވެ.

އެގޮތުން ލިބޭ ގެއްލުމުގެ ނަތީޖާއެއްގެގޮތުން ގެސްޓްހައުސްތަކާއި ޓްރެވަލް އެޖެންސީތައް ބަންދުކުރަންޖެހޭ ހާލަތެއް އަތުވެދާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

މާޗު އަދި އޭޕްރީލް މަހު ވެސް ޓޫރިސްޓުން އައި އަދަދު މަދުކަމަށް އެ ދެ ޖަމިއްޔާ އިން ބުންޏެވެ. އަދި މި މަހު ވެސް އެ އަދަދުތައް ހުރީ ދަށްކޮށް ކަމަށް ބުންޏެވެ.

ފަތުރުވެރިކަމުގެ ވިޔަފާރިއަށް އޮތް ގޮންޖެހުމަކީ މާލީ ގޮންޖެހުންތަކެއް ކަމަށްވާތީ، ވިޔަފާރިތަކަށް އެހީތެރިވުމަށް ކްރައިސިސް ސަޕޯޓު ނިޒާމެއް ތައާރަފުކުރުމަށް ސަރުކާރަަށާއި މާލީ އިދާރާތަކަށް ގެސްޓްހައުސް އެސޯސިއޭޝަނުން ގޮވާލި އެވެ.