މިދިޔަ އޭޕްރީލް މަހު މީރާއިން ޖުމުލަ 2.63 ބިލިއަން ރުފިޔާގެ އާމްދަނީއެއް ބަލައިގެންފި އެވެ.

މި އަދަދަކީ އެޕްރީލް 2026 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 16.6% އިތުރު އަދަދެކެވެ. އަދި ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 0.3% ދަށް އަދަދެކެވެ.

އޭޕްރީލް 2026 އަށް އަންދާޒާ ކޮށްފައިވާ އާމްދަނީއަށްވުރެ 16.6% އިތުރުވި މައިގަނޑު އެއް ސަބަބަކީ ރިޒޯޓުތަކުގެ ކުއްޔާއި، ޖިއެސްޓީ އަދި ވާކް ޕާމިޓް ފީ އިން ލިބިފައިވާ އާމްދަނީގެ މިންވަރު އިތުރުވުމެވެ. އޭޕްރީލް 2026 ގައި ލިބިފައިވާ އާމްދަނީގެ 32.6% އަކީ ކުރީގެ ސުންގަނޑިތަކަށް ދައްކާފައިވާ ފައިސާއެވެ. އަދި އާމްދަނީގެ 14.2% ލިބިފައިވަނީ ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުންކަން ވެސް މީރާއިން ފާހަގަކުރެ އެވެ. މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މަދުވެ، ޖީއެސްޓީގެ ގޮތުގައި ލިބޭ އާމްދަނީ ދަށްވާނެކަމަށް ބެލެވޭތީ، ފަތުރުވެރިން އަންނާނެ ކަމަށް ކުރިން ލަފާކުރި އަންދާޒާތައް ވަނީ ދަށްކޮށް މުރާޖައާކޮށްފަ އެވެ.

މީރާއިން މައުލޫމާތުދޭ ގޮތުގައި، އޭޕްރީލް 2025 ގައި ލިބުނު އާމްދަނީއާ އަޅައިބަލާއިރު އޭޕްރީލް 2026 ގައި ލިބިފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ، ޓޫރިޒަމް ދައިރާގެ ޖީއެސްޓީގެ އާމްދަނީއާއި ގްރީން ޓެކުހުގެ އިތުރުން އެއާޕޯޓް ޓެކުހާއި ފީއިން ލިބިފައިވާ އާމްދަނީ ދަށްވުމެވެ. 2025 ވަނަ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު 2026 ވަނަ އަހަރުގެ އޭޕްރީލް މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 19.8% ދަށްވުމާ ގުޅިގެން، ޓޫރިޒަމް ދާއިރާއިން ލިބޭ އާމްދަނީ ވަނީ ދަށްވެފަ އެވެ. މީގެއިތުރުން ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ފީގެ އާމްދަނީ ވަނީ 2025 ވަނަ އާރާ އަޅާބަލާއިރު ދަށްވެފަ އެވެ.

އޭޕްރީލް 2026 ގައި، ނުލިބިހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން މީރާއިން ވަނީ ޖުމްލަ 543 ބިލިއަން ރުފިޔާ ހޯދައިފަ އެވެ. މީގެ ތެރޭގައި، ނޯޓިސް ފޮނުވައިގެން 372 މިލިއަން ރުފިޔާ އަދި ޑިއުސް ކްލިއަރެންސްގެ ތެރެއިން 96 މިލިއަން ރުފިޔާ ހޯދައިފައިވެ އެވެ. ހަމައެއާއެކު އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން 64 މިލިއަން ރުފިޔާ، ޓެކްސް ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމަށް ހަނދާންކޮށްދިނުމަށް ކުރި ފޯނު ކޯލުތަކުގެ ޒަރިއްޔާއިން ފަސް މިލިއަން ރުފިޔާ އާއި އެކްޝަން ޕޮލިސީގެ ދަށުން ހަތަރު މިލިއަން ރުފިޔާ ވަނީ ހޯދައިފަ އެވެ.

އޭޕްރީލް 2026 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 63.6% ނުވަތަ 1.7 ބިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ގްރީން ޓެކުހުންނެވެ. އެއީ 7.1% ނުވަތަ 185 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 178 މިލިއަން ރުފިޔާ (6.8%)، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 152 މިލިއަން ރުފިޔާ (5.8%)، ޑިޕާޗާ ޓެކުހުގެ ގޮތުގައި 152 މިލިއަން ރުފިޔާ (5.8%)، އަދި ރިސޯޓްތަކުގެ ކުލީގެ ގޮތުގައި 129 މިލިއަން ރުފިޔާ (4.9%) ލިބިފައިވެ އެވެ.

އޭޕްރީލް 2026 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 121 މިލިއަން އެމެރިކާ ޑޮލަރު ހިމެނެ އެވެ.