ދިރާގުން ބޮޑު އީދު ފާހަގަކުރުމަށް ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ "ދިރާގު އީދު ބޮނޑިބަތް" ހަރަކާތް މި އަހަރު ވެސް އާންމުންގެ ގިނަބައެއްގެ ބައިވެރިވުމާއި ތަރުހީބާއެކު ކުރިއަށް ގެންގޮސްފި އެވެ.

ބޮޑު އީދާ ގުޅުވައިގެން މި އަހަރު އީދު ބޮނޑިބަތް ބަހާފައި ވަނީ އެޗްޑީސީ އާ ގުޅިގެން ހުޅުމާލޭގައާއި، މާލޭ ސިޓީ ކައުންސިލާ ގުޅިގެން މާލޭގަ އެވެ.

ދިރާގުން ބުނިގޮތުގައި މިއީ، ދިވެހި ސަގާފަތާއި އާދަކާދަތައް ދިރުވައި އާލާކުރުމަށް ދިރާގުން ދޭ ހާއްސަ އަހައްމިއްޔަތުކަމުގެ ދަށުން، ބޮޑު އީދުގެ އުފަލުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިކޮށް، މުޖުތަމައުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގައި ދިރާގުން ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ ހަރަކާތެކެވެ.

މި ހަރަކާތުގެ އިތުރުން، ދިރާގުން ވަނީ އެކި ރަށު ކައުންސިލްތަކާއި ޒުވާނުންގެ ޖަމިއްޔާތަކާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީދު ފާހަގަކުރުމުގެ ގޮތުން ހިންގާ ކުލަގަދަ ހަރަކާތްތަކަށް އެކި ގޮތްގޮތުން އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ދިރާގުން ދަނީ އިޖްތިމާއީ އެކިއެކި ހަރަކާތްތައް ހިންގައި، ދިވެހީންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.