ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗް ރޭޓިންގްސްއިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ކްރެޑިޓް ރޭޓިން ދީފި އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭންކިންގެ ހިދުމަތް ދޭ ބީއެމްއެލް އިން ބުނީ މިއީ ރާއްޖޭގެ މާލީ ދާއިރާއަށް ލިބުނު މުހިންމު ކުރިއެރުމެއްގެ އިތުރުން، ދިވެހި އިގުތިސާދުގައި ބީއެމްއެލް އަދާކުރާ މުހިންމު ދައުރު ހާމަކޮށްދޭ ކަމެއް ކަމަށެވެ.
ފިޗުން ބީއެމްއެލްގެ "ލޯންގް-ޓާމް އިޝުއާ ޑިފޯލްޓް ރޭޓިން އަށް "ސްޓޭބަލް" އައުޓްލުކް އާއެކު "ސީސީސީ-" އެއް ދީފަ އެވެ. މީގެ އިތުރުން، އެ ބޭންކުގެ "ލޯކަލް ކަރަންސީ ލޯންގް-ޓާމް" އަށް "ސީސީސީ+" އެއް ވަނީ ދީފަ އެވެ. މިއީ ދައުލަތުގެ ރޭޓިންއަށް ވުރެ ދެ ދަރަޖަ މަތީ ރޭޓިންއެކެވެ.
ބީއެމްއެލް އިން ބުނިގޮތުގައި މިއިން ރަމްޒުކޮށްދެނީ ބޭންކުގެ އަމިއްލަ މާލީ ހާލަތު ވަރުގަދަކަމާއި ގޮންޖެހުންތަކާ ކުރިމަތިލުމުގެ ގާބިލުކަން ހުރި މިންވަރެވެ. މި ކުރިއެރުން އައިސްފައި ވަނީ، ޖޫން 3، ގައި ދިވެހިރާއްޖޭގެ "ސޮވްރިން ލޯންގް-ޓާމް ފޮރިން ކަރަންސީ" ރޭޓިން "ސީސީ" އިން "ސީސީސީ-" އަށް ފިޗުން މަތިކުރުމާ ގުޅިގެން ކަމަށް އެ ބޭންކުން ބުނެ އެވެ.
ރާއްޖޭގެ ރޭޓިން މަތިކޮށްފައި ވަނީ މިދިޔަ އޭޕްރީލް މަހު 500 މިލިއަން ޑޮލަރުގެ ސުކޫކް ކާމިޔާބުކަމާއެކު އަނބުރާ ދެއްކުމާއި، އާމްދަނީ އިތުރުކުރުމަށް ގެނައި އިސްލާހުތަކާއި، އަދި ބޭރު ފައިސާއާ ބެހޭ ގާނޫނު ތަންފީޒުކުރަން ފެށުމުގެ ސަބަބުން ދަރަނި ނުދެއްކިދާނެކަމުގެ ބިރު ކުޑަވުމާ ގުޅިގެންނެވެ.
"ބޭންކްތަކުގެ ރޭޓިން ކަނޑައެޅުމުގައި ދައުލަތުގެ ރޭޓިންއަށް ބަލަން ޖެހޭތީ، ބީއެމްއެލްގެ ރޭޓިންއަށް ވެސް އޭގެ އަސަރު ފޯރާ. އެހެން ނަމަވެސް، ލޯކަލް ކަރަންސީ ރޭޓިން ދައުލަތަށް ވުރެ ދެ ދަރަޖަ މަތީގައި ހުރުމުން ހާމަވަނީ ބޭންކުގެ މާލީ ބިންގާ ވަރުގަދަކަން،" ބީއެމްއެލް އިން ބުންޏެވެ.
އެ ބޭންކުން ބުނިގޮތުގައި ރާއްޖޭގެ ބޭންކިން ދާއިރާގައި ބީއެމްއެލް އޮތް މަގާމާއި، މުޅި ރާއްޖެއަށް ފެތުރިފައިވާ އެ ބޭންކުގެ ޚިދުމަތްތަކާއި، ލިބޭ ހަރުދަނާ ފައިދާއާއި، ވާދަވެރި މާހައުލެއްގައި އޮތް ކުރިއެރުން ފިޗުން ފާހަގަކޮށްފައިވެ އެވެ. އަދި ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ހައިސިއްޔަތުން ބީއެމްއެލް އަކީ އާންމު ފަރުދުންނާއި، ވިޔަފާރިތަކާއި، ބޮޑެތި ކުންފުނިތަކުގެ އިތުރުން ގައުމީ މުހިންމު ދާއިރާތަކަށް އެހީތެރިކަން ފޯރުކޮށްދޭ މައިގަނޑު ތަނބު ކަމަށް ވެސް ބީއެމްއެލް އިން ބުނެ އެވެ.
މީގެ އިތުރުން، ބޭންކުގެ ރިސްކް މެނޭޖްމަންޓްގެ ހަރުދަނާކަމާއި އަމިއްލައަށް ރައުސުލްމާލު އުފެއްދުމުގެ ގާބިލުކަމުގެ ސަބަބުން، ބޭންކުގެ ކެޕިޓަލް ހުރި މިންވަރަކީ ބޮޑު ކުރިއެރުމެއްގެ ގޮތުގައި ފިޗުން ފާހަގަކުރާ ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.
ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ މި ރޭޓިންގެ ސަބަބުން ބޭންކުގެ ކުރިއެރުން ދަމަހައްޓަމުން، އަމިއްލަ ގާބިލުކަމުގައި ރައުސުލްމާލު އިތުރުކުރުމުގެ ފުރުސަތު ބޭންކަށް އޮތްކަން ހާމަވެގެންދާ ކަމަށެވެ. އަދި ދައުލަތުގެ ރޭޓިން މަތިވުމާއި ބީއެމްއެލް އަށް މި ލިބުނު ރޭޓިންއަކީ، ރާއްޖެއިން ހޯދަމުންދާ ކުރިއެރުންތަކާއި ގައުމުގެ އެންމެ ބޮޑު ބޭންކުގެ ވަރުގަދަކަން ބައިނަލްއަގުވާމީ ދުނިޔެއިން ބަލައިގަންނަކަމުގެ ހެއްކެއް ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.

