ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށާއި، ދަނޑުވެރިންނަށް ފަސޭހަގޮތެއްގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން، "ދަނޑުވެރި ނަފާ" އިސްލާމީ އުސޫލުތަކާ އެއްގޮތަށް އަލުން އެކުލަވާލައި މިއަދު ތައާރަފްކޮށްފި އެވެ.

އެސްއެމްއީ ޑިޖިޓަލް އިން ބުނިގޮތުގައި މި ބަދަލަކީ ކުދި ވިޔަފާރިތަކަށް ޝަރީއާ ހަމަތަކަށް ފެތޭ ފައިނޭންސިން ފޯރުކޮށްދިނުމަށް އަދި އެސްއެމްއީ ޑިޖިޓަލް ފުރިހަމަ އިސްލާމިކް ފައިނޭންޝަލް އިންސްޓިޓިއުޝަނަކަށް ބަދަލުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ބައެކެވެ.

އެސްއެމްއީ ޑިޖިޓަލް އިން ބުނީ މި ފައިނޭންސިން އަކީ އިގްތިސާދު ފުޅާކުރުމަށްޓަކައި އެ މަސައްކަތްތަކަށް އިންވެސްޓް ކުރެވޭނެ މަގުތައް ރާއްޖޭގެ ހީވާގި ދަނޑުވެރިންނަށް ފަހިކޮށްދިނުމަށް ފަރުމާކޮށްފައިވާ ސްކީމެއް ކަމަށެވެ. އަދި އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 500،000 ރުފިޔާއާ ހަމައަށް ރަހުނަކާ ނުލާ ފައިނޭންސް ފޯރުކޮށްދޭއިރު، ރަހުނެއް ހިމެނޭހެން 1،000،000 ރުފިޔާއާ ހަމައަށް ފައިނޭންސް ފޯރުކޮށްދޭނެ ކަމަށް އެ ކުންގުނިން ބުނެ އެވެ.

އެސްއެމްއީ ޑިޖިޓަލް އިން ބުނިގޮތުގައި ފެސިލިޓީ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް 12 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭހެން ލިބޭނެ އެވެ. އަދި މި ފައިނެނޭންސިންގަކީ ރާއްޖޭގައި މިވަގުތު ދަނޑުވެރިންނަށް ދެވޭ އެންމެ ކުޑަ ރޭޓު ކަމުގައިވާ އަހަރަކަށް 6 ޕަސެންޓްގެ ރޭޓުން ދޫކުރެވޭ ފައިނޭންސްއެއް ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

އެސްއެމްއީ ޑިޖިޓަލް އިން ބުނިގޮތުގައި މި ފައިނޭންސިންގ މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައިވަނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޒަމާނީ ދަނޑުވެރިކަމުގެ މަޝްރޫއުތައް ހިންގުމަށެވެ. މީގެ ތެރޭގައި އާބަން އެގްރިކަލްޗާ، ޕްރޮޓެކްޓަޑް އެގްރިކަލްޗާ، ޓެރެސް ނުވަތަ ވާޓިކަލް ގާޑްނިން، ޕޯލްޓްރީ އަދި ކުދި ޖަނަވާރު ގެންގުޅުން، ވެލިއު އެޑިޝަން، ގަސް އުފައްދާ ނާސަރީތައް ގާއިމު ކުރުން، އަދި އެގްރޮފޮރަސްޓްރީފަދަ މަސައްކަތްތައް ހިމެނޭ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

އެސްއެމްއީ ޑިޖިޓަލް އިން ބުނީ އެޗްރިކަލްޗާ މިނިސްޓްރީގެ މެންޑޭޓާއި އެއްގޮތަށް ޖަނަވާރުގެ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި ވެޓެރިނަރީ ސާވިސް، ޕެޓް ފާމް، ޕެޓް ސަޕްލައި ކުރުން ފަދަ މަސައްކަތްތަކަށް ވެސް މި ފައިނޭންސިންގެ ދަށުން ފައިނޭންސް ދޫކުރެވޭނެ ކަމަށެވެ.

މި ފައިނޭންސިން އާއި ގުޅޭ ގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ، ބަދުރުއްދީން ހަސަން ވިދާޅުވީ، ދަނޑުވެރި ނަފާ" އިސްލާމީ ޝަރީއާގެ އުސޫލުތަކަށް ފެތޭ ފައިނޭންސިން ފެސިލިޓީއަކަށް ބަދަލުކުރުމަކީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިސްލާމީ ހަމަތަކުގެ މަތިން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވެޅެއް ކަމަށެވެ.

"މި ފައިނޭންސިންގ މެދުވެރިކޮށް ދަނޑުވެރިންނަށް ކުރިއެކޭ އެއްފަދައިން ލުއި ގޮތްތަކެއްގެ މަތިން އަތްފޯރާފަށުގައި ފައިނޭންސިން ލިބޭނެ. މި ފަދަ ފައިނޭންސިންގެ ސަބަބުން ކުދި ވިޔަފާރިތައް ހަރުދަނާވެ، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ދިއުމުން ދަނޑުވެރިކަމުގެ ސިނާއަތް ފުޅާވެ، އުފެއްދުންތެރިކަން އިތުރުވެގެންދާނެ. އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ދާއިމީ ގޮތެއްގައި ކަށަވަރުކުރުމަށް ބޭނުންވާ މުހިންމު ވަސީލަތްތައް ލުއި ގޮތެއްގައި ފޯރުކޮށްދިނުމުގައި އަބަދުވެސް ދެމިތިބުން،" އޭނާ ވިދާޅުވި އެވެ.

އެސްއެމްއީ ޑިޖިޓަލް އިން ބުނީ މި ފައިނޭންސިން ސަބަބުން، ދަނޑުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފަސޭހަ އުސޫލުތަކެއްގެ މަތިން މާލީ އެހީތެރިކަން ލިބޭނެ ކަމަށެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން، އެފަރާތްތަކުގެ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް ބޭނުންވާ ހިތްވަރާއި، އެކަމުގެ ގާބިލުކަން ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

މިފަދަ ފަސޭހަ މާލީ އެހީތެރިކަމުގެ ނިޒާމުތައް ތައާރަފުކުރުމަކީ، ގައުމުގެ އިގްތިސާދަށް ދަނޑުވެރިކަމުގެ ސިނާއަތުން ލިބޭ މަންފާ އިތުރުކޮށް، މި ދާއިރާގެ ދައުރު ފުޅާކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ވެސް އެސްއެމްއީ ޑިޖިޓަލް ބުނެ އެވެ..

މި ފައިނޭންސިންއަށް އެދި ހުށަހެޅުމުގެ ފުރުސަތު ޖުލައި 22 ވަނަ ދުވަހު އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓް www.smedigital.mv ގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުޅުވާލެވޭނެ އެވެ.