ޗައިނާގެ ކުރޫޒް ލައިނާއެއް ކަމަށްވާ "ވައިކިން ޔީދުން" 732 ފަތުރުވެރިންނާއެކު މިއަދު ރާއްޖެ އައިސްފި އެވެ. މި އުޅަނދަށް މަރުހަބާ ކިޔުމަށް މާލޭގެ ރަސްމީ ފާލަން ސަރަހައްދުގައި ވިޒިޓް މޯލްޑިވްސް އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓްސް (މާޔާ) ގުޅިގެން ހާއްސަ ރަސްމިއްޔާތެއް ބޭއްވި އެވެ.
"ވައިކިން ޔީދުން" ކުރޫޒް ލައިނާ ރާއްޖެއަށް ޒިޔާރަތްކުރުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީހުގައި ފާހަގަކޮށްލެވޭ މުހިންމު ކާމިޔާބީއެކެވެ. މިއީ ޗައިނާގެ ކުރޫޒް ލައިނާއެއް ރާއްޖެއަށް ދަތުރުކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، މި ދަތުރުގައި 486 ފަޅުވެރިން ހިމެނެއެވެ. މި އުޅަނދު ރާއްޖެއަށް ކުރި މި ދަތުރަކީ ދެ ގައުމުގެ ދެމެދުގައި އޮތް ފަތުރުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ނިޝާނެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެ އެވެ.
މިއަދު ހެނދުނު 07:00 ގައި މާލޭގެ ރަސްމީ ފާލަން ސަރަހައްދުގައި ބޭއްވި މި ރަސްމިއްޔާތުގައި، ރާއްޖޭގެ ސަގާފީ ދިރުންތައް ފަތުރުވެރިންނަށް ދައްކުވައިދީފައިވެ އެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ "އެސްޓޭޓް ބޮޑުބެރު ގްރޫޕް" ގެ ފޯރިގަދަ ހުށަހެޅުންތަކާއެކު ފަތުރުވެރިންނަށް ހޫނު މަރުޙަބާއެއް ކިޔާފައިވެއެވެ. މި ހަރަކާތުގެ ތެރެއިން ވިޒިޓް މޯލްޑިވްސްގެ ޓީމުން ވަނީ ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރާ ތަކެއްޗާއި ބްރޭންޑް އައިޓަމްތައް ހިމެނޭ ހާއްސަ ހަދިޔާތައް ފަތުރުވެރިންނަށް ބަހާފަ އެވެ.
ފަތުރުވެރިކަން ކުރިއެރުވުމަށް އަމާޒުމި ދަތުރަކީ ރާއްޖޭގެ ފަތުރުވެރިކަން ސިންދަފާތުކޮށް، ކުރޫޒް ފަތުރުވެރިކަން ފުޅާ ދާއިރާއެއްގައި ތަރައްގީކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. ވިޒިޓް މޯލްޑިވްސް އާއި މާޔާ ގުޅިގެން ކުރިއަށްގެންދާ މި މަސައްކަތްތަކުގެ މައިގަނޑު މަގުސަދަކީ އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ޔޮޓް އަދި ކުރޫޒް ފަތުރުވެރިކަމަށް އެންމެ މަގުބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖެ ހަރުދަނާކުރުމެވެ. ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖެއަށް ޒިޔާރަތްކުރާ މިފަދަ އުޅަނދުތަކުގެ ފަތުރުވެރިންނަށް މަތީ ފަންތީގެ ޚިދުމަތްތަކާއި، ރާއްޖޭގެ ސަގާފަތާއި ގުދުރަތީ ރީތިކަމުގެ ތަފާތު ތަޖުރިބާތައް ފޯރުކޮށްދިނުމަށް ވިޒިޓް މޯލްޑިވްސް އިން ދަނީ މަސައްކަތްކުރަމުންނެވެ.
"ވައިކިން ޔީދުން" ބޯޓު މާލޭގެ 1 ނަންބަރު ފާލަން ކައިރީ ބަނދަރުކޮށްފައި އޮތުމަށްފަހު، އަންގާރަ ދުވަހުގެ ހަވީރު 18:00 ގައި ރާއްޖެއިން ފުރާނެ އެވެ.

