ކުންފުނިތަކާއި، މުއައްސަސާތަކުގެ މުވައްޒަފުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް އަށަގެންނެވުމާއި ގުޅިގެން މަސައްކަތްކުރުމުގެ ރޫހު އާލާކުރުމުގެ މަގްސަދުގައި ވީރަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބޭއްވި ރާއްޖޭގެ ފުރަތަމަ ކޯޕަރޭޓް ރަން "ބީއެމްއެލް ވީރަން - ކޯޕަރޭޓްސް" މިއަދު ކްރޮސްރޯޑްސް މޯލްޑިވްސްގައި ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

ވީރަން މޯލްޑިވްސް އިން އިންތިޒާމުކުރި މި ހަރަކާތަކީ ބޭންކް އޮފް މޯލްޑިވްސްއާއެކު ވެވިފައިވާ ޕާޓްނާޝިޕްގެ ދަށުން އެ ބޭންކުން އެހީތެރިކަން ފޯރުކޮށްދީގެން ބޭއްވި ހަރަކާތެކެވެ. މި ކޯޕަރޭޓް ރިލޭ ރޭހަކީ ރާއްޖޭގައި ހަރަކާތްތެރިވާ ކުންފުނިތަކާއި، އިދާރާތަކާއި، ޖަމްޢިއްޔާތަކަށް ޚާއްސަކޮށްގެން، ކޮންމެ ބައިވެރިޔަކު އެއް ކިލޯމީޓަރު ދުވާ ގޮތަށް، ފަސް ދުވުންތެރިންގެ މައްޗަށް އެކުލެވޭ ރިލޭ ފޯމެޓަކަށް ކުރިއަށްގެންދިޔަ ރޭހެކެވެ.

މިއީ ރާއްޖޭގެ ތާރީޚުގައި ބޭއްވުނު އެންމެ ފުރަތަމަ ކޯޕަރޭޓް ރިލޭ ރޭހެވެ. މީގެ އިތުރުން، މިއީ ރޭސް ނިންމުމަށް ހޭދަވާ ވަގުތު ބެލުމަށް ޗިޕެއް ރިލޭގެ ބެޓަންގެ އެތެރޭގައި ހިމަނައިގެން ރާއްޖޭގައި ކުރިއަށްގެންދިޔަ ފުރަތަމަ ހަރަކާތްވެސް މެ އެވެ.

މި ދުވުމުގައި 18 ޓީމަކުން ބައިވެރިވިއެވެ. އޭގެ ތެރޭގައި 11 ފިރިހެން ޓީމާއި ހަތް އަންހެން ޓީމު ހިމެނެ އެވެ.

ވަނަވަނައަށް ދިޔަ ފަރާތްތައްފިރިހެނުންގެ ބައި:

* ޗެމްޕިއަން: ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން

* 1ވަނަ ރަނަރއަޕް: ރަންއިންމޯޑް އެތުލެޓިކްސް* 2ވަނަ ރަނަރއަޕް: ބޭންކް އޮފް މޯލްޑިވްސް

އަންހެނުންގެ ބައި:

* ޗެމްޕިއަން: ރަންއިންމޯޑް އެތުލެޓިކްސް

* 1ވަނަ ރަނަރއަޕް: ކްރޮސްރޯޑްސް އައިލެންޑް ސްޕްރިންޓާސް* 2ވަނަ ރަނަރއަޕް: އޭޑީކޭ ސިނަރޖީ

ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ ރާއްޖޭގެ ތަރައްގީއަށް މުހިންމު މަޝްރޫއުތަކާއި އިޖުތިމާއީ ކުރިއެރުމަށް މަގުފަހިކޮށްދޭ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ހާއްސަކޮށް މުޅި ރާއްޖޭގައި ކުޅިވަރުގެ ރޫހު ދިރުވައި އާލާކޮށް، ހަށިހެޔޮ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ބޭންކުން އަންނަނީ މެދުކެނޑުމެއް ނެތި ގިނަ ޕްރޮގްރާމްތަކަކަށްވެސް އެހީތެރިވަމުންނެވެ.