އެސްއެމްއީ ޑިޖިޓަލް އިން މިހާތަނަށް ދޫކޮށްފައިވާ ކޮންވެންޝަނަލް ލޯނުތައް އިސްލާމީ އުސޫލުން ރީފައިނޭންސް ކުރުމަށްޓަކައި ހާއްސަ އޯޕަންޑޭއެއް މި މަހުގެ 15 ގައި ބާއްވަން ނިންމައިފި އެވެ.
އެސްއެމްއީ ޑިޖިޓަލް އިން ބުނީ މި ހަރަކާތް ކުރިއަށް ދާނީ ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗްގައި ހެނދުނު 9 އިން ހަވީރު 4 އަށެވެ.
އެސްއެމްއީ ޑިޖިޓަލް އިން ބުނިގޮތުގައި މި އޯޕަންޑޭގެ މައިގަނޑު މަގްސަދަކީ އެސްއެމްއީ ޑިޖިޓަލް އިން މިހާތަނަށް ދޫކޮށްފައިވާ ހުރިހާ ކޮންވެންޝަނަލް ލޯނެއް އިސްލާމީ އުސޫލުން ރީފައިނޭންސްކޮށް، ޝަރީއާ ކޮމްޕްލަޔަންޓް ފެސިލިޓީތަކަށް ބަދަލުކުރުމުގެ މަރުހަލާތައް ވަގުތުން ފުރިހަމަކުރުމުގެ އިންތިޒާމު ހަމަޖެއްސުމެވެ. މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް މިހާރު ވަނީ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ރީފައިނޭންސިން އޮފާތައް ފޮނުވާފައިވާ ކަމަށް ވެސް އެސްއެމްއީ ޑިޖިޓަލް އިން ބުނެ އެވެ.
އެސްއެމްއީ ޑިޖިޓަލް އިން ބުނީ މި ހަރަކާތުގެ ތެރެއިން އެސްއެމްއީ ޑިޖިޓަލްގެ ޓީމުގެ އެހީތެރިކަމާއެކު، ކަސްޓަމަރުންނަށް ލިބިފައިވާ އޮފާތައް ބަލައި، އިތުރު މައުލޫމާތު ސާފުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި އޮފާ ގަބޫލުކުރާ ފަރާތްތަކަށް އާ އެއްބަސްވުމުގައި ސޮއިކޮށް، ރީފައިނޭންސް ކުރުމުގެ މަރުހަލާ މި ހަރަކާތުގެ ތެރެއިން ނިންމާލެވޭނެ ކަމަށް ވެސް އެސްއެމްއީ ޑިޖިޓަލް އިން ބުނެ އެވެ. ރީފައިނޭންސް ކުރަން ވަޑައިގަންނަވާއިރު އައިޑެންޓިފިކޭޝަން ކަށަވަރު ކުރުމަށްޓަކައި އައިޑީ ކާޑު ގެންނަންވާނެ ކަމަށް ވެސް އެސްއެމްއީ ޑިޖިޓަލް އިން ބުނެ އެވެ.
އެސްއެމްއީ ޑިޖިޓަލް އިން ބުނީ އިސްލާމިކް ފައިނޭންސް އަށް ލޯނު ބަދަލުކުރުމުން ކަސްޓަމަރުންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ. އޭގެ ތެރޭގައި އިސްލާމީ އުސޫލުން އައު ފެސިލިޓީއެއް އެކުލަވާލުމާއި، ފައިސާ އަނބުރާ ދެއްކުމަށް ދިގު މުއްދަތެއް ލިބި، މަހުން މަހަށް ދައްކަންޖެހޭ އަދަދު ކުޑަވުން ހިމެނޭ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
މީގެ އިތުރުން، އެކި ސަބަބުތަކާ ހުރެ ގަވާއިދުން ފައިސާ ދެއްކުމަށް ދަތިވެފައިވާ ފަރާތްތަކަށް، އާ އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން ކުރިއަށް އޮތް 6 މަސް ދުވަހު ގަވާއިދުން ފައިސާ ދައްކައިގެން ކްރެޑިޓް ރިކޯޑު ރަނގަޅު ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް އެސްއެމްއީ ޑިޖިޓަލް އިން ބުނެ އެވެ. މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ކުރިމަގުގައި އެސްއެމްއީ ޑިޖިޓަލްއިން އިތުރު ފައިނޭންސިން ހޯދުމުގެ ފުރުސަތު ވެސް ފަހިވެގެންދާނެ ކަމަށް ވެސް އެސްއެމްއީ ޑިޖިޓަލް އިން ބުނެ އެވެ.
އެސްއެމްއީ ޑިޖިޓަލް އިން ބުނީ މި ބަދަލަކީ އެސްއެމްއީ ޑިޖިޓަލް އަކީ ފުރިހަމަ އިސްލާމިކް ފައިނޭންސް ފޯރުކޮށްދޭ މާލީ އިދާރާއަކަށް ބަދަލުވުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ފިޔަވަޅެއް ކަމަށެވެ.

