މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 97.1 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފި އެވެ.

މީރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަކީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ޖެނުއަރީން ޖުލައި މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 73.6 މިލިއަން ރުފިޔާ އެވެ.

މަސްތަކަށް ބަލާއިރު، މިއަހަރުގެ ޖެނުއަރީ މަހު 6.0 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ އެ މަހު ލިބުނީ 5.3 މިލިއަން ރުފިޔާ އެވެ. ފެބްރުއަރީ މަހު 11.8 މިލިއަން ރުފިޔާ ލިބުނުއިރު، މާޗް މަހު މި އަދަދު ވަނީ 27.4 މިލިއަން ރުފިޔާއަށް އަރާފަ އެވެ. އެޕްރީލް މަހު 5.4 މިލިއަން، މޭ މަހު 7.5 މިލިއަން އަދި ޖޫން މަހު 21.2 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އެންމެ ބޮޑު އަދަދެއް ލިބިފައިވަނީ ޖުލައި މަހުގައެވެ. އެއީ 97.1 މިލިއަން ރުފިޔާ އެވެ.

މުދަލު ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ އިތުރުވެފައިވާއިރު، މޯލްޑިވްސް ޒަކާތު ހައުސް އިން ވަނީ މި އަހަރުގެ އެޕްރީލް މަހުގެ 21 ވަނަ ދުވަހު ރާއްޖޭގައި މުދަލު ޒަކާތް ވާޖިބުވާ ނިސޯބުގެ އަދަދަށް ބަދަލު ގެނެސްފަ އެވެ. އެގޮތުން މިހާރު ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސޯބަކީ 21,836.50 ރުފިޔާ އެވެ.

ޒަކާތު ހައުސްއިން ހާމަކުރި ގޮތުގައި ރާއްޖޭގައި މުދަލު ޒަކާތް ނެރެނީ ރިހީގެ އަގަށް ބެލުމަށްފަހުގަ އެވެ. ނިސޯބުގެ ގޮތުގައި ކަނޑައަޅާފައިވަނީ ރިހީގެ ގުރާމަކަށް 36.70 ރުފިޔާގެ ރޭޓުން 595 ގުރާމަށްވާ މިންވަރެވެ. މުދަލު ޒަކާތުގެ ނިސޯބަކީ ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ.

މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސޯބު ހަމަވާތާ ހިޖުރީ ގޮތުން އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ފަރުޟެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައިވެސް މުދަލު ޒަކާތް ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖެހިފަ އެވެ. ރާއްޖޭގައި މުދަލު ޒަކާތް ބަލައިގަންނަނީ ދައުލަތުގެ ޓެކްސް އިދާރާ، މީރާއިންނެވެ.

މީރާއަށް އޮންލައިންކޮށް މުދަލު ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު، ކޮންމެ މީހަކުވެސް މުދަލު ޒަކާތް ދައްކަން ޖެހޭ މިންވަރު މީރާގެ ވެބްސައިޓް މެދުވެރިކޮށް ފަސޭހަކަމާއެކު ބަލާލެވޭނެއެވެ.