ކޮވިޑާ ގުޅިގެން ބޭންކުތައް ހުޅުވާ ދުވަސްތައް ބަދަލުވުމާއެކު ތިން ޓެކުހެއް ދެއްކުމުގެ ސުންގަޑިއަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ (މީރާ) އިން ބަދަލު ގެނެސްފި އެވެ.
މިރާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މާދަމާ ބޭންކްތައް ނުހުޅުވާތީ ތިން ޓެކުހެއްގެ ޓެކްސް ބަޔާން ހުށައެޅުމާއި، ފައިސާ ދެއްކުމަށް ދީފައިވާ ވަގުތައް ބަދަލުތަކެއް ގެންނަވާފައިވާ ކަމަށެވެ. އެގޮތުން ބަދަލުތައް ގެނެސްފައި ވަނީ ރާއްޖޭގައި ވަޒަންވެރިވެފައިނުވާ މީހުންގެ ވިތުހޯލްޑިން ޓެކްސާއި މުވައްޒަފުންގެ ވިތުހޯލްޑިން ޓެކުހުގެ އިތުރުން އެއަރޕޯޓް ޓެކުހާއި ފީތައް ދައްކަންޖެހޭ ސުންގަޑިތަކަށް ކަމަށް މީރާއިން ބުންޏެވެ.
މި ތިން ޓެކުހާއި ގުޅޭ އޭޕްރިލްމަހުގެ ބަޔާންތަކާއި ފައިސާ ދެއްކުމަށް ކުރިން މީރާއިން ކަނޑައަޅާފައިވާ ވަގުތަކީ މިއަދުގެ ނިޔަލަށެވެ. އެހެން ނަމަވެސް މިހާރު މީރާއިން ވަނީ މާދަމާގެ ނިޔަލަށް ސުންގަނޑި ބަދަލުކޮށްފަ އެވެ.
ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް މާލެ ސަރަހައްދުގެ ސަރުކާރު އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާ މުއްދަތު މިމަހުގެ 22 ވަނަ ދުވަހަށް އިތުރުކޮށްފައިވާތީ މި މުއްދަތުގައި މީރާގެ ކައުންޓަރުތަކުން ވެސް ޚިދުމަތްދިނުން ވަގުތީގޮތުން ވަނީ މެދުކަނޑާލާފަ އެވެ. ނަމަވެސް މީރާއިން ދެމުންގެންދާ ޚިދުމަތްތައް އޮންލައިންކޮށް މީރާ ކަނެޓް އަދި ވާރުޕޭ މެދުވެރިކޮށް ލިބޭނެކަމަށް އެ އިދާރާއިން ބުނެފައިވެ އެވެ.
މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އެމްއެމްއޭއާއި ބޭންކުތައް ހަފްތާއަކު ތިން ދުވަހު ހުޅުވަން މަރުކަޒީ ބޭންކުން ވަނީ ނިންމާފަ އެވެ. މި ބަދަލާއިއެކު ބޭންކުތަކުން ޚިދުމަތްދޭނީ ހޯމަ, އަންގާރަ އަދި ބުރާސްފަތި ދުވަހު އެކަންޏެވެ.