މިދިޔަ ޖުލައި މަހާ އަޅާބަލާއިރު އޮގަސްޓު މަހު މަސްވެރިކަން ދަށްވެ، މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދު 40 އިންސައްތަ ދަށްވެފައިވާ ކަމަށް ސަރުކާރުގެ މަސް ކުންފުނި (މިފްކޯ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޖުލައި މަހު މަސްވެރިކަން ރަނގަޅުވެ މަސްވެރިންނަށް 49.8 މިލިއަން ރުފިޔާ ދޫކުރި ނަމަވެސް، އޮގަސްޓު މަހު ދޫކޮށްފައި ވަނީ 29.9 މިލިއަން ރުފިޔާ އެވެ.

އޮގަސްޓް މަހުގެ ތަފާސްހިސާބު:

  • ކިރުވި މަހުގެ މިންވަރު: 535 ދޯންޏަކުން ޖުމްލަ 1,488.30 ޓަނުގެ މަސް
  • ކަޅުބިލަމަސް: 1,465 ޓަނު
  • ކަންނެލި: 10 ކިލޯއިން މަތީގެ 13.3 ޓަނު އަދި 15 ކިލޯއިން މަތީގެ 10.9 ޓަނު

މި އަހަރުގެ މިހާތަނަށް އެންމެ މަސްވެރިކަން ރަނގަޅުވި އޭޕްރިލް މަހު 4,414 ޓަނުގެ މަސް ކިރުވައި، 78.8 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކުރި އެވެ. އަދި މި އަހަރުގެ ތެރޭގައި މަސްވެރިކަން އެންމެ ދަށްވެފައި ވަނީ ޖޫން މަހު އެވެ.