ރާއްޖޭގެ މުވާސަލާތީ މައި ކުންފުނި، ދިރާގާއި ފެނާއި ނަރުދަމާގެ ހިދުމަތްދޭ މާލެ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން މީގެކުރިން ވިއްކާލާފައިވާ ހިއްސާތައް އަލުން އަނބުރާ ސަރުކާރަށް ގަތުމަށް ނިންމަވާފައިވާކަން ރައީސް މުހައްމަދު މުއިއްޒު މިއަދު އިއުލާނު ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ އެއް ނިންމެވުމަކީ ދިރާގުގައި އޮތް ސަރުކާރުގެ ހިއްސާގެ މިންވަރު 51 އިންސައްތައަށް އިތުރުކުރުން ކަމަށެވެ.
މީގެ ކުރީގެ އެމްޑީޕީ ސަރުކާރުގެ ދައުރުގައި އެ ކުންފުނިތަކުން ހިއްސާ ވިއްކާލާފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިއީ ދައުލަތުގެ ވަރަށް މުހިންމު އަދި އަގުބޮޑު ހަރުމުދާ ކަމަށެވެ. އަދި މި ހިއްސާތައް އަނބުރާ ހޯދުމުގެ މައިގަނޑު މަގްސަދަކީ ދިވެހި ރައްޔިތުންނަށް އެންމެ ފުރިހަމަ ފައިދާއާއި މަންފާ ހޯދައިދިނުން ކަމަށް ރައީސް ވިދާޅުވި އެވެ.

