ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)އިން މަސްވެރިންގެ އަތުން ކަޅުބިލަމަސް ގަންނަ އަގު މިއަދުން ފެށިގެން ކިލޯއެއް 22 ރުފިޔާއަށް ބޮޑުކޮށްފި އެވެ.

މިއީ މަސް ކިލޯއެއްގެ އަގު 21 ރުފިޔާގައި ހުންނަތާ ގިނަ ދުވަސްތަކަކަށް ފަހު އެ ކުންފުނިން ގެނައި ބަދަލެކެވެ.

މިފްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަގަށް މި ބަދަލު ގެނައީ މިވަގުތު މަސްވެރިކަން ހުރި ގޮތާއި، ބައިނަލްއަގުވާމީ އަދި އެތެރޭގެ މާރުކޭޓުގައި މަހުގެ އަގުތަކާއި ޑިމާންޑާއި ސަޕްލައި އޮތް މިންވަރަށް ރިއާޔަތްކުރުމަށްފަހު ކަމަށެވެ. އަދި މިއީ މަސްވެރިންނަށް އިންސާފުވެރި ބަދަލަކާއި ދެމެހެއްޓެނިވި ދިރިއުޅުމެއް ހޯދައިދިނުމަށް ސަރުކާރުން ވަމުންދާ ވައުދުތަކާ ގުޅޭ ބަދަލެއް ކަމަށް ވެސް އޮފިޝަލް ފާހަގަކުރެއްވި އެވެ.

މިފްކޯގެ ހުރިހާ ބަނދަރުތަކެއްގައިވެސް މިއަދުން ފެށިގެން މަސް ގަންނާނީ އެއް އަގުތަކެއްގަ އެވެ. އެގޮތުން ކަޅުބިލަމަސް ކިލޯއެއް 22 ރުފިޔާއަށް ގަންނައިރު، 10 އާއި 15 ކިލޯއާ ދެމެދުގެ ބޮޑުކަންނެލި ކިލޯއެއް ގަންނަނީ 20 ރުފިޔާއަށެވެ. އަދި 15 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިލޯއެއް ގަންނަނީ 25 ރުފިޔާގެ މަގުންނެވެ.