އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ ތެރެއިން 74 ޕަސެންޓް މީހުން ޗުއްޓީ ހޭދަކޮށްފައި ވަނީ ރިސޯޓްތަކުގައި ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މިއީ އަދަދުން ބަލާނަމަ 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިންނެވެ.
މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް މުޅި ޖުމްލަ 1.6 މިލިއަން (1,608,240) ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. އޭގެ ތެރެއިން އެންމެ ގިނަ ޓޫރިސްޓުން ނުވަތަ 1،188،689 މީހުން (73.8 ޕަސެންޓް) ޗުއްޓީ ހޭދަކޮށްފައި ވަނީ ރިސޯޓްތަކުގަ އެވެ.
ދެން އެންމެ ގިނަ ޓޫރިސްޓުން ޗުއްޓީ ހޭދަކޮށްފައި ވަނީ ގެސްޓްހައުސްތަކުގައި ކަމަށްވާއިރު، އެ ތަންތަނުގައި 352،544 ޓޫރިސްޓުން (21.9 އިންސައްތަ) ވަނީ މަޑުކޮށްފަ އެވެ. މީގެއިތުރުން ހޮޓެލްތަކުގައި 36،869 ޓޫރިސްޓުން (2.3 އިންސައްތަ) އަދި ސަފާރީތަކުގައި 2،654 ޓޫރިސްޓުން ޗުއްޓީ ހޭދަކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވާ ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ 311،485 ޓޫރިސްޓުންނާއެކު ޗައިނާ އެވެ. ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ 234،718 ޓޫރިސްޓުންނާއެކު ރަޝިއާއިން ކަމަށްވާއިރު، ތިންވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ 122،068 ޓޫރިސްޓުންނާއެކު އިނގިރޭސިވިލާތުންނެވެ.
މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް އައި ޓޫރިސްޓުންގެ ބޮޑު އަދަބެއް ޒިޔާރަތްކޮށްފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށެވެ. އަދި ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ އައިސްފައި ވަނީ 5،699 ޓޫރިސްޓުންނާއެކު ގަން އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށެވެ.

