އެމްޓީޑީސީއާ ހަވާލުކޮށްގެން ރިސޯޓެއް ތަރައްގީކުރަމުން އަންނަ ހދ. ނާގޯށީގެ މަސައްކަތް އަހަރެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ރިސޯޓު ހެދުމަށް ނާގޯށި އެންމެ ފުރަތަމަ އެމްޓީޑީސީއާ ހަވާލުކުރީ 2006ގައެވެ. މިހާތަނަށް އެކަން އޮތީ ނުކުރެވި އެވެ.
އެމްޓީޑީސީން ބުނެފައި ވަނީ އެ ރިސޯޓްގައު 183 ކޮޓަރި ތަރައްގީކުރާނެ ކަމަށެވެ.
"އަހާ" ފޯރަމްގައި ރޭ ވާހަކަފުޅުދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ ނާގޯށީގެ 50 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
"މަސައްކަތް ކުރަމުން ދިޔައީ މި އަހަރުގެ ނޮވެންބަރަށް ހުޅުވަން ކަމަށް ވީ ނަމަވެސް އަދި 11 ވަރަކަށް މަސް ދުވަހުގެ ތެރޭގައި އެ ތަން އޮޕަރޭޝަނަށް ގެނެވޭނެ،" އަމީން ވިދާޅުވި އެވެ.
ނާގޯށިި ތަރައްގީކުރަން އެމްޓީޑީސީން ތުރީކެއާ އިންޓަނޭޝަނަލް ކިޔާ ރަޝިއާ ކުންފުންޏަކަށް 2007 ވަނަ އަހަރު އެތަން ހަވާލުކުރިއެވެ. އަދި އެއަށްފަހު ދުބާއީގެ ކޮންޓްރެކްޓަރަކާ 2021 ވަނަ އަހަރު އެ ރަށް ހަވާލުކުރި އެވެ. އެ ދެ ކުންފުންޏަށް ވެސް އެ މަސަކަތެއް ނުކުރެވުނެވެ.
އެ ރިސޯޓް ހުޅުވުމުން 600 ވަޒީފާގެ ފުރުސަތު ހުޅުވޭނެ ކަމަށް އެމްޓީޑީސީން ވަނީ ބުނެފަ އެވެ.

