ދިރާގުގެ 38 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ދިރާގު ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންގެ އިންޓަނެޓްގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދިނުމަށް ހިލޭ ރައުޓަރު އަޕްގްރޭޑް ކުރެވޭ ހާއްސަ ޕްރޮމޯޝަނެއް ތައާރަފުކޮށްފި އެވެ.

ދިރާގުން ބުނިގޮތުގައި މި ޕްރޮމޯޝަންގެ ދަށުން، ދިރާގު ފައިބާ ބްރޯޑްބޭންޑްގެ 30 އެމްބީޕީއެސްއިން ފެށިގެން މަތީގެ ސްޕީޑް ލިބޭ ޕްލޭންތައް ބޭނުންކުރާ ކަސްޓަމަރުންނަށް، ކުރީގެ ރައުޓަރރެއް ބޭނުންކުރާނަމަ، އެއްވެސް އިތުރު ފީއަކާ ނުލައި ރައުޓަރު އަޕްގްރޭޑް ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. މި ޕްރޮމޯޝަނަށް ޝަރުތު ހަމަވާ ކަސްޓަމަރުންނަށް 31 އޮކްޓޫބަރުގެ ނިޔަލަށް ރައުޓާ ހިލޭ އަޕްގްރޭޑް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަނަކީ، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު އިތުރަށް ހަރުދަނާކޮށް، ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށްޓަކައި ތައާރަފުކުރެވުނު ޕްރޮމޯޝަނެއް ކަމަށެވެ.

ދިރާގުން ބުނިގޮތުގައި ހިލޭ ރައުޓަރު އަޕްގްރޭޑް ކުރުމަށްޓަކައި، ދިރާގު މޮބައިލް އެޕްލިކޭޝަންގައިވާ 'ފްރީ ރައުޓަރު އަޕްގްރޭޑް' ބެނާ މެދުވެރިކޮށް ފަސޭހަކަމާއެކު އަޕްގްރޭޑަށް ހުށަހެޅޭނެ އެވެ. މި ހިދުމަތަށް އެދޭ ކަސްޓަމަރުންގެ ރައުޓަރު އިންސްޓޯލްކޮށް، ސެޓަޕް ފުރިހަމަކުރުމުގެ ހިދުމަތް، ދިރާގުގެ ޓީމުން ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ހުރިހާ ދިރާގު ކަސްޓަމަރުންނަށް ފޯރުކޮށްދޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ދިރާގުން ބުނިގޮތުގައި މި ޕްރޮމޯޝަނަށް ޝަރުތު ހަމަނުވާ ކަސްޓަމަރުންނަށްވެސް، ފައިބާ ޕެކޭޖް 30 އެމްބީޕީއެސްއިން ފެށިގެން މަތީގެ ސްޕީޑް ލިބޭ ޕްލޭންއަކަށް އަޕްގްރޭޑްކޮށްގެން، ކުރީގެ ރައުޓަރު ހިލޭ ބަދަލުކުރުމުގެ ފުރުސަތު ލިބޭނެ އެވެ.