ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސްޓާޓްއަޕް ގްރާންޓުގެ ދަށުން، ނިޔާފް މުޙައްމަދު އިސްނަގައިގެން ފެށި "ދަ އައިލެންޑް ފެކްޓްރީ" އިން އުފައްދާ ޓޫނާ ޖާކީ ރާއްޖޭގެ އެކި ރަށްރަށުގެ ބާޒާރުތަކަށް ނެރެ، އެ ވިޔަފާރީގެ ހިދުމަތްތައް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭން ފަށައިފި އެވެ.

ނިޔާފް މި ވިޔަފާރީގެ ބިންގާ އެޅީ ޒަމާނީ ޕްރޮސެސިން އަދި ޕެކޭޖިން ވަސީލަތްތައް ބޭނުންކޮށްގެން، ރާއްޖޭގައި މަތީ ފެންވަރުގެ ކަނޑުމަހުގެ އުފެއްދުންތަކެއް ބާޒާރަށް ނެރުމުގެ އަމާޒުގަ އެވެ. އެގޮތުން، 2024 ވަނަ އަހަރު ހުޅުވާލި ބީއެމްއެލް ސްޓާޓްއަޕް ގްރާންޓް ކާމިޔާބުކޮށް ފެށި މި ވިޔަފާރީގެ މައިގަނޑު މަގުސަދަކީ، ޕްރޮޓީން ގިނަ، ރައްކާތެރި އަދި އީޖާދީ މަހުގެ އުފެއްދުންތަކެއް އާންމުންނާ ހަމައަށް ފޯރުކޮށްދިނުމެވެ. ހަމައެއާއެކު، ދިވެހި މަސްވެރިން ބާނާ މަހުން ވެލިޔު އެޑެޑް ޕްރޮޑަކްޓްސް އުފައްދައި، މަސްވެރިކަމުގެ ސިނާޢަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް އެހީތެރިވެދިނުމަކީ ވެސް މި ވިޔަފާރީގެ މުހިންމު ބައެކެވެ.

ގދ. ހޯނޑެއްދޫގައި ގާއިމުކޮށްފައިވާ މި ފެކްޓަރީން އުފައްދާ ޓޫނާ ޖާކީ، ރިސޯޓް ހިމެނޭހެން ރާއްޖޭގެ 17 އަށްވުރެ ގިނަ ރަށެއްގެ 80 އަށް ވުރެ ގިނަ ފިހާރައިން ލިބެން ހުރެ އެވެ. މީގެ ތެރޭގައި މާލެއާއި ހުޅުމާލޭގެ 30 އަށް ވުރެ ގިނަ ފިހާރަ ހިމެނެ އެވެ.

ބީއެމްއެލް ސްޓާޓްއަޕް ގްރާންޓަކީ އައު ވިޔަފާރި ހިޔާލުތައް ހަގީގަތަކަށް ހަދައިދިނުމަށްޓަކައި، ކޮންމެ އަހަރަކުވެސް ހޮވާލެވޭ އެންމެ އުއްމީދީ ދެ ވިޔަފާރިއަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން ހޮވޭ ކޮންމެ ވިޔަފާރިއަކަށް 500،000 (ފަސް ލައްކަ) ރުފިޔާގެ ހިލޭ އެހީ ބޭންކުން ދޫކުރެ އެވެ. މިއީ ގައުމުގެ އިގްތިސާދީ ދުވެލި ހަލުވިކޮށް، އީޖާދީ ވިސްނުންތަކާއެކު ނުކުންނަ ޒުވާން ވިޔަފާރިވެރިން ބާރުވެރިކުރުވުމަށް ބޭންކް އޮފް މޯލްޑިވްސް އިން ކުރިއަށްގެންދާ ނުހަނު މުހިންމު އިސްނެގުމެއް ކަމަށް އެ ބޭންކުން ބުންޏެވެ.