މި މަހުގެ މިހާތަނަށް ރާއްޖެއަށް 79,529 ޓޫރިސްޓުން ޒިޔާރަތްކޮށްފައި ވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 3.9 އިންސައްތައިގެ ދަށްވުމެއް ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު، މި މަހުގެ 1 އިން 14 ގެ ނިޔަލަށް 79,529 ޓޫރިސްޓުން އައިސްފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި 82,770 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރި އެވެ. އަދި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ޖުމްލަ 1،682،550 ޓޫރިސްޓުން އައިސްފައިވާއިރު، މިއީވެސް މިދިޔަ އަހަރަށްވުރެ 3.4 އިންސައްތައިގެ ދަށްވުމެކެވެ.

ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ މާކެޓުތަކުގެ އެންމެ ކުރީގައި 317,524 ޓޫރިސްޓުންނާއެކު އުޅެނީ ޗައިނާއެވެ. ދެވަނައިގައި ރަޝިއާ އޮތްއިރު، ތިންވަނައިގައި އޮތީ ޔޫކޭ އެވެ.

ޓޫރިސްޓުން އަންނަ މިންވަރު ދަށްވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި މި ދުވަސްވަރަކީ ފަތުރުވެރިކަމުގެ "ލޯ ސީޒަން" ކަމަށްވުމުގެ އިތުރުން، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ފްލައިޓުތައް ކެންސަލްވުން ހިމެނެ އެވެ. އެކަމުގެ ނުފޫޒު މާލީ ދާއިރާއަށް ވެސް ކޮށްފައިވާއިރު، މިދިޔަ އަހަރާ އަޅާބަލާއިރު ޓޫރިޒަމް ގުޑްސް އެންޑް ސާވިސަސް ޓެކްސް (ޓީޖީއެސްޓީ) ގެ އާމްދަނީން 126 މިލިއަން ރުފިޔާ ވަނީ ދަށްވެފަ އެވެ.

މިދިޔަ އަހަރު ރާއްޖެއަށް 2.2 މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު، ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކު މަދުވެގެން ދެ ލައްކަ ޓޫރިސްޓުން އައިސްގެން ނޫނީ އެ އަދަދަށް ވާސިލެއް ނުވާނެ އެވެ.

ނަމަވެސް ކުރިއަށް އޮތް "ޕީކް ސީޒަން" އާއެކު އަހަރު ނިމޭއިރު މިދިޔަ އަހަރާ އެއްވަރެއްގެ އަމާޒަކަށް ވާސިލުވެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވަނީ ވިދާޅުވެފަ އެވެ.