ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން، ދިރާގުޕޭ މެދުވެރިކޮށް ކުލި ދައްކައިގެން އެއް މަހުގެ ކުލި ހިލޭ ލިބޭ ޕްރޮމޯޝަނެއް ދިރާގު ފިންޓެކްއިން ތައާރަފުކޮށްފި އެވެ.

މި ޕްރޮމޯޝަން 31 ޑިސެންބަރުގެ ނިޔަލަށް ކުރިއަށްދާއިރު، ކޮންމެ މަހަކުވެސް ގުރުއަތުން ހޮވޭ ދެ ނަސީބުވެރި ފަރާތަކަށް އެއް މަހުގެ ކުލި މުޅިން ހިލޭ ލިބިގެންދާނެ އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފްލެޓްތަކުގެ ކުލި، ދިރާގުޕޭ މެދުވެރިކޮށް މިހާރު ފަސޭހަކަމާއެކު ދައްކާލެވޭނެ އެވެ. މިގޮތުން، ފަހި ޕޯޓަލްއިން ކުލި ދެއްކުމަށް ފިތާލުމަށްފަހު ދިރާގުޕޭ ހިޔާރު ކުރެވޭނެއެވެ. އަދި މޮބައިލް ނަންބަރު ޖަހައި ޕޭމަންޓް ރިކުއެސްޓް ފުރިހަމަކޮށްލުމުން، ރައްކާތެރިކަމާއި ފަސޭހަކަމާއެކު ކުލި ދެއްކިގެންދާނެ އެވެ. އަދި މީގެ އިތުރުން، އަލަށް ދިރާގުޕޭ ބޭނުންކުރާ ފަރާތްތަކަށްވެސް، އެޕްލިކޭޝަން ޑައުންލޯޑްކޮށް ރަޖިސްޓްރީވުމަށްފަހު ފްލެޓުގެ ކުލި ދައްކައިގެން މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފަ އެވެ.

މި ހާއްސަ ޕްރޮމޯޝަނަކީ ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. ދިރާގު ފިންޓެކްގެ އަމާޒަކީ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތައް ލިބޭ ފިންޓެކް ސޮލިއުޝަންތައް ފޯރުކޮށްދިނުމެވެ.