ކަނޑުމަގުން މުދަލާއެކު ހުރި ގޮތަށް ކްލިއާކުރާ ފުލް ކޮންޓޭނާ ލޯޑް (އެފްސީއެލް) ކޮންޓޭނަރުތައް ކްލިއާކުރުމުގެ މަސައްކަތްތައް ތިލަފުށި ކާގޯ ޓާމިނަލް (ޓީސީޓީ) އަށް ބަދަލުކޮށް، އެމްޕީއެލް އިން އެ ޓާމިނަލްގެ ޚިދުމަތް މިއަދު ފަށައިފި އެވެ.

އެމްޕީއެލް އިން ކޮންޓޭނަރުތައް ކްލިއާކުރުމުގެ މަސައްކަތްތައް ތިލަފުށީގައި ފެށިއިރު، ރާއްޖެއަށް ގެންނަން ޖެހޭ 4،000 އަށްވުރެ ގިނަ ކޮންޓެއިނަރު ސްރީލަންކާގެ ޕޯޓުގައި ނުގެނެވި އެބަހުއްޓެވެ.

އެމްޕީއެލް އިން ބުނީ ތިލަފުށީގައި މި ޚިދުމަތް ފެށީ އެމްޓީސީސީއާ ހަވާލުކޮށްގެން ތިލަފުށީގައި ހެދި 100 މީޓަރުގެ ކީ ވޯލްގެ ސަރަހައްދުގައި ކަމަށެވެ. މިއީ މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއުގެ ތެރެއިން، ތިލަފުއްޓަށް ބަދަލުކުރެވުނު ފުރަތަމަ އޮޕަރޭޝަން ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

"އެންމެ ފުރަތަމަ މި ފެށީ ޑައިރެކްޓް ޑެލިވަރީ (ޑީއާރް)ގެ ގޮތުގައި އެފްސީއެލް ކޮންޓޭނަރު ކަނޑުމަގުން ކްލިއާ ކުރުމާއި، މުދާ ހުސްކޮށްފައި ގެންނަ ކޮންޓޭނަރު ބޭލުމުގެ ޚިދުމަތް. އެހެން ނަމަވެސް، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް ޑީއާރްގެ ގޮތުގައި މީގެ ފަހުން ވެސް މާލޭ ވިޔަފަރި ބަނދަރު އަދި ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލް އިން ކްލިއާ ކުރެވޭނެ،" އެމްޕީއެލް އިން ބުންޏެވެ.

އެމްޕީއެލް އިން ތިލަފުށީގައި ހަދާ ތިލަފުށި ކާގޯ ޓާމިނަލް (ޓީސީޓީ) އަށް ކަނޑުމަގުން މުދަލާއެކު ހުރި ގޮތަށް ގެންނަ ކޮންޓޭނަރުތައް ކްލިއާކުރުމުގެ މަސައްކަތްތައް މިއަދު ކުރަނީ. ފޮޓޯ: އެމްޕީއެލް

އެ ކުންފުނިން ބުނީ މާލޭ ވިޔަފާރި ބަނދަރަށް ގެންނަ ކޮންޓޭނަރުގެ ތެރެއިން، ބޮޑު ބައެއް ކްލިއާކުރަނީ ކަނޑުމަގުން ކަމަށެވެ. އަދި މީގެ ތެރޭގައި ގިނައީ އެފްސީއެލް ކޮންޓޭނަރު ކަމަށެވެ. އަދި މި ވަގުތު ޑީއާރްގެ ގިނަ ކޮންޓޭނަރުތައް ކަނޑުމަގުން ކްލިއާކުރަނީ ހުޅުމާލެ ޓާމިނަލް އިން ކަމަށް ވެސް އެމްޕީއެލް އިން ބުނެ އެވެ.

"މި އޮޕަރޭޝަންސްތައް ތިލަފުއްޓަށް ބަދަލުކުރުމަކީ ހުޅުމާލެ ޓާމިނަލްގެ ލޯކަލް ކީވޯލްގެ އޮޕަރޭޝަންތަކަށް ލިބޭނެ ލުއިކަމެއް،" އެ ކުންފުނިން ބުންޏެވެ.

އެމްޕީއެލް އިން ތިލަފުށީގައި ހަދާ ތިލަފުށި ކާގޯ ޓާމިނަލް (ޓީސީޓީ) އަށް ކަނޑުމަގުން މުދަލާއެކު ހުރި ގޮތަށް ގެންނަ ކޮންޓޭނަރުތައް ކްލިއާކުރުމުގެ މަސައްކަތްތައް ކުރަމުންދާ ގޮތް އެ ކުންފުނީގެ ސީއީއޯ ބައްލަވާލައްވަނީ. ފޮޓޯ: އެމްޕީއެލް

އެމްޕީއެލްގެ ސީއީއޯ ކެޕްޓަން ހުސައިން ޝަފީގު ވިދާޅުވީ ކާގޯ ކްލިއަރަންސްގެ ޚިދުމަތެއް ތިލަފުއްޓަށް ބަދަލުކުރުމަށް އެމްޕީއެލްގެ މުވައްޒަފުން ވަރަށް ބުރަ މަސައްކަތްތެއް ކުރި ކަމަށެވެ. އަދި މީގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސާވިސް އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ ފަރާތުން ލިބުނު އެއްބާރުލުން އޭނާ ފާހަގަކުރެއްވި އެވެ.

ޝަފީގު ވިދާޅުވީ ތިލަފުށީގައި ކުރިއަށް އޮތް ތަނުގައި ލެސް ކޮންޓެއިނަރު ލޯޑް (އެލްސީއެލް)ގެ ގޮތުގައި ގެންނަ ކާގޯ ކްލިއާ ކުރުމުގެ ޚިދުމަތް ވެސް ފޯރުކޮށްދޭނެ ކަމަށެވެ.

އެމްޕީއެލް އިން ބުނިގޮތުގައި މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ އެކި މަސައްކަތްތައް މި ވަގުތު ކުރިއަށް އެބަދާ ކަމަށެވެ. އަދި ތިލަފުށި ބަނދަރުގައި އެންމެ ފުރަތަމަ ތަރައްގީ ކުރާ 375 މީޓަރު ކީވޯލްގެ މަސައްކަތް ހަވާލުކޮށްފައިވާ ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީން އެ މަސައްކަތްތައް ކުރިއަށް އެބަ ގެންދާ ކަމަށް ވެސް އެ ކުންފިން ބުނެ އެވެ.

އެމްޕީއެލް އިން ތިލަފުށީގައި ހަދާ ތިލަފުށި ކާގޯ ޓާމިނަލް (ޓީސީޓީ) އަށް ކަނޑުމަގުން މުދަލާއެކު ހުރި ގޮތަށް ގެންނަ ކޮންޓޭނަރުތައް ކްލިއާކުރުމުގެ މަސައްކަތްތައް މިއަދު ކުރަނީ. ފޮޓޯ: އެމްޕީއެލް

އެމްޕީއެލް އިން ބުނީ މި ކީވޯލްގެ މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި މުޅިން ނިންމާ ލެވޭނެ ކަމަށެވެ. އަދި މީގެ އިތުރުން، 820 މީޓަރުގެ ޑޮމެސްޓިކް ކީވޯލް ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ވެސް އެ ކުންފުނިން ފަށާފައިވާ ކަމަށް ވެސް އެ ކުންފިން ބުނެ އެވެ.