މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ 33 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން، އެ ކުންފުނިން ކަޅުބިލަމަސް ގަންނަ އަގު ކިލޯއަކުން 23 ރުފިޔާއަށް މިއަދު ބޮޑުކޮށްފި އެވެ.

މިފްކޯއިން ހާމަކުރި ގޮތުގައި، ކަޅުބިލަމަސް ކިލޯއެއް 23 ރުފިޔާއަށް ގަންނަމުންދާއިރު، 10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ބޮޑުކަންނެލި ކިލޯއެއް ގަންނަނީ 20 ރުފިޔާއަށެވެ. އަދި 15 ކިލޯއަށްވުރެ ބަރު ބޮޑުކަންނެލި ކިލޯއެއް ގަންނަމުންދަނީ 25 ރުފިޔާގެ ރޭޓުންނެވެ.

މިއަދު އެ ކުންފުނިން މަސް ގަންނަމުންދަނީ ފެލިވަރު، ކޫއްޑޫ އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އިތުރުން ގދ. ތިނަދޫ، މ. މުލަކު، ހއ. އިހަވަންދޫ އަދި ތ. ހިރިލަންދޫ ބަނދަރުންނެވެ.

މިފްކޯއިން ވަނީ ފާއިތުވި މަސްތަކުގައި މެދުކެނޑުމެއްނެތި މަސް ގަންނަ އަގު މައްޗަށް ޖައްސާފަ އެވެ. އެގޮތުން މިދިޔަ ޖޫން މަހުގެ 7 ގައި ކިލޯއެއްގެ އަގު 17 ރުފިޔާއިން 18.50 ރުފިޔާއަށް، އަދި ޖޫން 9 ގައި 20 ރުފިޔާއަށް ވަނީ ބޮޑުކޮށްފަ އެވެ. އޭގެ ފަހުން އޮގަސްޓު 29 ގައި 21 ރުފިޔާއަށް، ސެޕްޓެމްބަރު 22 ގައި 22 ރުފިޔާއަށް އަދި އޮކްޓޫބަރު 19 ގައި މަސް ކިލޯއެއްގެ އަގު ވަނީ 22.75 ރުފިޔާއަށް އުފުލާފަ އެވެ.