ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އާ ހެޑް އޮފީސް އިމާރާތް އަޅައިދޭނެ ބަޔަކު ހޯދަން އެ ބޭންކުން އިއުލާންކޮށްފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އާ ހެޑް އޮފީސް އަޅަން ނިންމާފައި ވަނީ ހުޅުމާލެ ސެންޓްރަލް ޕާކު ކައިރީގައި 14 ބުރިއަށެވެ. މިތަނުގައި ކާރުތައް ޕާކު ކުރުމަށާއި ސައިކަލުތައް ޕާކުކުރުމަށް ހާއްސަ ޖާގަ ވެސް ހިމެނެ އެވެ.
ބީއެމްއެލުން އިއްޔެ ނެރުނު އިއުލާނުގައި ވަނީ އާ އޮފީސް އިމާރާތް ހަދަން ހަމަޖެހިފައި ވަނީ 2,648.40 އަކަމީޓަރުގެ ބިމެއްގަ އެވެ. އެ އިމާރާތުގެ އުސް މިނުގައި 60 މީޓަރު ހުންނަ އިރު އިމާރާތުގައި ބޭސްމެންޓް ލެވެލްގައި ވެސް ދެ ބުރި ހުރެ އެވެ. އަދި އެ އިމާރާތުގެ އެންމެ ތިރީ ބުރި ހާއްސަ ކޮށްފައި ވަނީ ކަސްޓަމަރުންނަށް ދޭ ޚިދުމަތްތަކަށާއި، ރީޓެއިލް އަދި ސްޓާފުންނަށް ބޭނުންވާ އެކި ކަން ކަމަށެވެ. މީގެ އިތުރުން އެ މި އިމާރާތުގައި ސައިކަލް ޕާކް ކުރުމަށް 400 ޖާގަ އަދި ކާރު ޕާކު ކުރުމަށް މަދުވެގެން 65 ޖާގަ ހުންނަންވާނެ ކަމަށް ބުނެފައިވެ އެވެ.
އެ ކަރުދާހުގައިވާ ގޮތުން އެ އިމާރާތުގެ 12 ވަނަ ބުރީގައި ޓެރަހެއް ހިމަނާފައިވެ އެވެ. އަދި އިމާރާތުގެ 13 އަދި 14 ވަނަ ބުރި ހާއްސަ ކުރަނީ އެގްޒެކެޓިވް ފްލޯތަކުގެ ގޮތުގަ އެވެ. މީގެ އިތުރުން އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދުމަށްޓަކައި އިމާރާރުގެ އެންމެ މަތީގައި ސޯލާ ފާމެއް ތަރައްގީ ކުރުމަށް ރާވާފައިވެ އެވެ.
ބީއެމްއެލްއިން ބުނީ އާ ހެޑް އޮފީސް އިމާރާތްކުރުމަށް ފައިސާ ހަމަޖެއްސުމުގައި އެންމެ ބޮޑަށް އިސްކަންދެނީ ޑޮލަރުން ކަމަށެވެ. އެގޮތުން މި މަޝްރޫއު ހިންގަން ޝައުގުވެރިކަން ފާޅުކުރާ ފަރާތުން ފައިނޭންސިން ހޯދައިދެވޭނެ ކަމަށާއި، ނުވަތަ ބޭންކެއް ނުވަތަ ތިންވަނަ ފަރާތެއް މެދުވެރިކޮށް ވެސް ފައިނޭންސިން ހޯދޭނެ ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.
އެ ބޭންކުގެ މިންގަނޑުތަކާއި ލިޔެކިޔުންތައް ބެލެހެއްޓުމުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އާރްއެފްޕީ މަރުޙަލާގައި ކޮންސެޕްޓް ޑިޒައިނާއި މަޝްރޫއުގެ ތަފުސީލީ މައުލޫމާތު ހިއްސާކުރެވޭނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.
އެ އިއުލާނުގައި ވަނީ މި ޕްރޮޖެކްޓަށް ޝައުގުވެރިކަން ފާޅުކުރާ މަރުޙަލާގައި، މަޝްރޫއަށް ކުރިމަތިލާ ފަރާތްތަކުގެ މާލީ ގާބިލުކަމާއި ފައިސާ ހޯދާނެ ތަންތަނުގެ ހުލާސާއެއް ހުށަހަޅަންވާނެ ކަމަށެވެ. މި މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅަން ޖެހެނީ މިމަހުގެ 30 ވަނަ ދުވަހުގެ ކުރިންނެވެ.
ބީއެމްއެލްގެ މައި އޮފީސް މިހާރު ހިންގަމުން އަންނަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ އިމާރާތުގަ އެވެ.

