ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބޭންކް ފަންޑުގެ އެހީގައި، މ. ދިއްގަރުގައި ކުރިއަށްގެންދިޔަ "ސަސްޓެއިނަބަލް އަރބަން ފާމިންގ ކޯޕަރޭޝަން މަޝްރޫއު ކާމިޔާބުކަމާއެކު ނިންމާލައިފިކަން އެ ބޭންކުން އިއުލާނުކޮށްފި އެވެ.
ބީއެމްއެލް އިން ފޯރުކޮށްދިން 200,000 ރުފިޔާގެ މާލީ އެހީތެރިކަމާއެކު "ދިއްގަރު އެކުވެރި ޒުވާނުންގެ ގުޅުން" ޖަމިއްޔާއިން ހިންގި މި މަޝްރޫއަކީ، ހައިޑްރޯޕޯނިކްސް އަދި ވާޓިކަލް ފާމިން ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި ކާބޯތަކެތި އުފެއްދުން އިތުރުކުރުމުގެ މަގްސަދުގައި ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.
ބީއެމްއެލް އިން ބުނީ މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ރަށުގައި އުފައްދާ ތާޒާ މޭވާއާއި ތަރުކާރީ ރައްޔިތުންނަށް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، މުޖުތަމައަށް ދަނޑުވެރިކަމުގެ އަމަލީ ތަޖުރިބާއާއި މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން، އިގްތިސާދީ އާ ފުރުސަތުތައް ފަހިކޮށްދިނުން ކަމަށެވެ.
ބީއެމްއެލްގެ "ބޭންކް ފަންޑު" ގެ ދަށުން އެ ބޭންކުން ދަނީ ރާއްޖޭގެ ރަށްރަށުގެ ދެމެހެއްޓެނިވި ތަރައްގީއަށާއި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، މުޖުތަމަޢު ބާރުވެރިކުރުވުމަށް އެހީތެރިވެދޭ މިފަދަ މުހިންމު މަޝްރޫއުތަކަށް މެދުކެނޑުމެއްނެތި އެއްބާރުލުން ދެމުންނެވެ.

