ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދެމުން އަންނަ އަމިއްލަ އެއާލައިން، މަންތާ އެއާގެ އެތެރޭގެ އުދުހުންތައް އެއްކޮށް ހުއްޓާލައި، އެ އެއާލައިންގެ އޭޓީއާރު ފްލީޓްގެ ހުރިހާ ޕައިލެޓުންނާއި ކެބިން ކްރޫއިން ވަޒީފާއިން ވަކިކޮށްފި އެވެ.

އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ އަހުމަދު މައުމޫން ސޮއިކުރައްވައި މުވައްޒަފުންނަށް ފޮނުއްވި މެމޯއެއްގައި ބުނެފައިވާގޮތުގައި، ވަޒީފާއާ ބެހޭ ގާނޫނާއި ރިޑަންޑަންސީ ގަވާއިދުގެ ދަށުން އޭޓީއާރު ފްލީޓްގެ ހުރިހާ ޕައިލެޓުން ވަނީ މިދިޔަ ހަފުތާއިން ފެށިގެން ވަޒީފާއިން ވަކިކޮށްފަ އެވެ.

މި ފިޔަވަޅު އަޅަން ޖެހުނީ ޕާކިސްތާނުގެ ސައުތު އެއާއެކު ހަދާފައިވާ ވެޓް-ލީސް އެއްބަސްވުން ނިމުމަކަށް އައުމާއި، މަތިންދާބޯޓުތަކަށް ދިމާވި ޓެކްނިކަލް މައްސަލަތަކާ ހުރެ އެ ވިޔަފާރި އިތުރަށް ދެމެހެއްޓެން ނެތުމުން ކަމަށް މެމޯގައި ފާހަގަކޮށްފައިވެ އެވެ.

ގެއްލުން ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން އަމިއްލައަށް އިސްތިއުފާ ދިނުމުގެ ފުރުސަތު ހުރިހާ މުވައްޒަފުންނަށް ދީފައިވާއިރު، އެގޮތަށް ވަކިވި މުވައްޒަފުންނަށް ނޯޓިސް މުއްދަތަށް ހަމަޖެހިފައިވާ ފައިސާ ދިނުމަށް ވެސް ކުންފުނިން ވަނީ ނިންމައިފަ އެވެ. އަދި މިއީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، މި ނިންމުމުގެ ސަބަބުން މުވައްޒަފުންނާއި އެ މީހުންގެ އާއިލާތަކަށް ކުރި އަސަރު ކުންފުނިން ބަލައިގަންނަ ކަމަށް ބުނެ، ދަތި ދަނޑިވަޅުގައި އެ ފަރާތްތަކުން ކޮށްދިން ޚިދުމަތަށް މެނޭޖުމަންޓުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަންތާ އެއާއިން އެތެރޭގެ އުދުހުންތައް ހުއްޓާލަން ނިންމި މައިގަނޑު ސަބަބަކީ އެ އެއާލައިނަށް ފައިދާވާނެ ގޮތަކަށް އޮޕަރޭޝަންތައް އިތުރަށް ފުޅާކުރެވެން ނެތުމެވެ. އެ އެއާލައިނަކީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ކުރު މުއްދަތެއްގެ ތެރޭގައި އާންމުންގެ ބޮޑު މަގުބޫލުކަމަކާއި އިތުބާރެއް ހޯދާފައިވާ އެއާލައިނަކަށް ވާތީ، މިއީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއް ކަމަށް ބެލެވެ އެވެ.

މަންތާ އެއާގެ އޭޓީއާރު އުދުހުންތައް ހުއްޓާލުމާ އެކު، ދެން ރާއްޖޭގެ އެތެރޭގެ ވައިގެ ދަތުރުތައް ކުރާނީ ގައުމީ އެއާލައިން މޯލްޑިވިއަން އަދި ވިލާ އެއާގެ ފްލައިމީ އެކަންޏެވެ. ނަމަވެސް ވިލާ އެއާއިން މައިގަނޑު ގޮތެއްގައި ދަތުރުކުރަނީ އދ. މާމިގިއްޔަށާއި ބ. ދަރަވަންދުއަށް ކަމަށް ވުމުން، މުޅި ރާއްޖޭގެ ހުރިހާ އެއާޕޯޓުތަކަށް އެތެރޭގެ ދަތުރުތައް ކުރާ ހަމައެކަނި އެއާލައިނަކަށް ވެގެންދާނީ މޯލްޑިވިއަން އެވެ.