ރާއްޖެއަށް ގޮދަން ގެނެސް ފުށް ތައްޔާރުކުރަން ފެށުމުގެ ވިސްނުން ގެންގުޅޭ ކަމަށް އެސްޓީއޯއިން ބުނެފި އެވެ.
އެސްޓީއޯ އިން މިއަދު ބޭއްވި އަހަރީ އާއްމު ޖަލްސާގައި ދުރާލާ ރެކޯޑުކޮށްފައިވާ ސުވާލުތަކަށް ޖަވާބު ދެއްވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން އެނގިގެންދިޔަ އެއް ކަމަކީ ރާއްޖެ އަށް ފުޑް ސެކިއުރިޓީގެ ޔަގީންކަން ބޮޑު ކުރަން ޖެހިފައިވާ ކަމެވެ. އެކަން ކުރުމުގެ ގޮތުން ގޮދަން ރާއްޖެ ގެނެސް ފުށް ތައްޔާރުކުރުމުގެ ވިސްނުން މިހާރު އެސްޓީއޯއިން ގެންގުޅޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖެއަށް ކާޑުގެ ބާވަތްތައް އެތެރެކުރާ ސަރުކާރުގެ ކުންފުނި އެސްޓީއޯއިން ވަނީ ކޮވިޑް-19ގެ ސަބަބުން ބޯޑަރު ބަންދުވުމާއެކު ރާއްޖެ ކާޑަށް ޖެހުނަ ނުދޭން ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެ މަސައްކަތްތަކުގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގައި ކާޑު އެޖެންޓުން ހަމަޖެއްސި އެވެ.
އަމްރު ވިދާޅުވީ، އެސްޓީއޯއިން މިހާރު މަސައްކަތް ކުރަނީ ރާއްޖެއިން ބޭރުގައި ވިޔަފާރިކުރުމަށް ކަމަށެވެ. އަދި މާލެ ސަރަހައްދުގައި ސެންޓްރެލް ވެއާހައުސްއެއް ހަދައި ރާއްޖޭގެ އެކި ހިސާބުތަކުގައި މިފަދަ ގުދަންތައް ހަދައި ހިދުމަތް ދިނުމަކީ ވެސް އަމާޒެއް ކަމަށާއި ސަރަހައްދީ ބަނދަރުތަކަށް ހާއްސަކޮށް މުދާ ގެނައުން ފުޅާ ކުރަން ވިސްނާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.